މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރު ސިންހްގެ ކާމިޔާބު ފިލްމު "ދުރަންދަރް"އިން ރެކޯޑް އާމްދަނީއެއް ހޯދައި ބޮލީވުޑްގެ ގަދަ 10 ފިލްމުގެ ލިސްޓަށް އަރައިފި އެވެ.

"ދުރަންދަރް" ރިލީޒް ކުރިތާ ގާތްގަނޑަކަށް 17 ދުވަހުގެ ތެރޭގައި އެ ފިލްމުން ވަނީ 555 ކްރޯޑް ރުޕީސްގެ ރެކޯޑް އާމްދަނީއެއް ހޯދާފަ އެވެ.

މިއާއެކު އެ ފިލްމު ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު 10 ފިލްމުގެ ތެރެއިން އެއް ފިލްމަށެވެ.

އެ ލިސްޓުގެ ދިހަވަނަ ޖާގަ "ދުރަންދަރް"އިން ހޯދާފައިވަނީ އޭގެ ކުރިން އެ މަގާމުގައި އޮތް 2023 ވަނަ އަހަރު ރިލީޒްކުރި ރަންބީރު ކަޕޫރުގެ ކާމިޔާބު ފިލްމު "އެނިމަލް" ފަހަތަށް ޖައްސާލުމަށްފަހު އެވެ.

މި ޝަރަފާއެކު "ދުރަންދަރް"އަކީ ބޮލީވުޑްގެ ގަދަ 10 ފިލްމުގެ ލިސްޓަށް އެރި 2025 ވަނަ އަހަރު ރިލީޒް ކުރެވުނު ތިންވަނަ ފިލްމެވެ. މީގެ ކުރިން ހަމަ އެ އަހަރު ރިލީޒްކުރި "ޗާވާ" އަދި "ކަންޓާރާ ޗެޕްޓާ 1"އަށް ވެސް ރެކޯޑް އާމްދަނީއެއް ލިބުނެވެ.

ލީޑު ރޯލުން ރަންވީރު ސިންހްގެ އިތުރުން ސަރާ އަރުޖުން ފެނިގެންދާ "ދުރަންދަރް"އަކީ މިއަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.