މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލުގެނެސް، މުދަލު ޒަކާތް ނެރުން ވާޖިބުނާ ނިސާބަކީ 19،527.90 ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާނުކޮށްފި އެވެ.
ޒަކާތު ހައުސްއިން މިއަދުކުރި އިއުލާނުގައި ބުނީ މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޒަކާތުގެ ނިސާބުގެ ގޮތުގައި މިހައި ބޮޑު އަދަދެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މުދަލުޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ޒަކާތް ނެރެނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގު ރާއްޖޭގައި ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
ޒަކާތު ހައުސްއިން ބުނީ މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައި ވަނީ ރިހި ގްރާމަކަށް 32.82ރ. ރޭޓުން 595 ގްރާމަށްވާ އަދަދު ކަމަށެވެ.
އެހެންކަމުން، އެ މީހެއްގެ މިލްކިއްޔާތުގައި 19،527.90ރ. އެއް އަހަރު ވަންދެން ހުރެއްޖެ ނަމަ، އޭގެ ސާޅީސް ބައިކުޅަ އެއްބައި (2.5 ޕަސެންޓު) މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބު ވާނެ އެވެ.
މީގެ ކުރިން، އޯގަސްޓު މަހު، މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 11،191.95ރ. އެވެ. އޭގެކުރިން އޭޕްރިލް މަހު ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 9264.15ރ. އެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވެގެން ވާ ފަސް ބާވަތެއްގެ މުދަލަކީ، ރަނާއި ރިހި އަދި ފައިސާ އާއި ބިމުގެ ތެރެއިން ނެގޭ މައުދަންތަކާއި ރިކާޒު އާއި ވިޔަފާރި މުދަލާއި ގޮވާމާއި މޭވާގެ ތެރޭގައި ހިމެނޭ ގިނަދުވަހު ހަލާކުނުވެ ހުންނަ ތެކެއްޗާއި ގެރި، ބަކަރި އަދި ޖަމަލެވެ.
އޭގެ ތެރެއިން ރާއްޖޭގައި އާންމުކޮށް ޒަކާތް ނެގެންހުރި ތަކެއްޗަކީ ރަނާއި ރިއްސާއި ގޮވާމުގެ އިތުރުން ވިޔަފާރި މުދަލެވެ. ނިސާބު ހަމަވާ މީހާގެ މައްޗަށް އަހަރަކު އެއްފަހަރު ނެރުން ވާޖިބުވާ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ތިން ވަނަ ރުކުނެވެ.
ކަމާބެހޭ އިދާރާތަކުން ފާހަގަކުރާ ގޮތުގައި ދިވެހިން ފިތުރު ޒަކާތްދެއްކުމަށް ހާއްސަކަމެއް ދިން ނަމަވެސް މުދަލު ޒަކާތް ގިނަ ބަޔަކު ނުދައްކާކަން ވަނީ ފާހަގަކޮށްފައި އެވެ.
މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ އެވެ. ޒަކާތްދިނުމާއި ސަދަގާތް ދިނުމުގެ ދުނިޔާވީ މަންފާތަކުގެ ތެރޭގައި ތިމާގެމުދާ ތާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައިވާކަމަށް ދަންނަބޭކަލުން ވިދާޅުވެ އެވެ.
އިމްތިހާނުގެ ކުރިން ކިމް ކުރަން ޖެހުނު ތަޖުރިބާ ހިއްސާ ކޮށްފި
ޕްރައިމަރީ ނުބާއްވައި ޕީއެންސީން ގިނަ ބަޔަކަށް ޓިކެޓް ބަހާލަނީ
ތަރައްގީ އަކީ އެއްގަމު ތޮށްޓާއި ބޮޑުހިލައެއް ނޫން