ޔޫކްރެއިނަށް ކުރިއަށް އޮތް ދެ އަހަރުގެ ދިފާއު އަށާއި އެހެނިހެން ބޭނުންތަކަށް ދޭ ބަޖެޓުގެ ގޮތުގައި 90 ބިލިޔަން ޔޫރޯގެ ލޯނު ދިނުމަށް ޔޫރަޕިއަން ޔޫނިއަން އިން ނިންމައިފި އެވެ.
އީޔޫއިން އެ ނިންމުން ނިންމާފައި ވަނީ މެންބަރު ގައުމުތަކުގެ މެދުގައި ގިނަ ވަގުތުތަކަކަށް ދެމިގެންދިޔަ މަޝްވަރާއެއް ކުރުމަށް ފަހުގަ އެވެ. މީގެ ކުރިން ރާވާފައި އޮތީ ވިލާތުގެ އިއްތިހާދުގައި ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލުން ޔޫކްރެއިނަށް އެ ފައިސާ ފޯރުކޮށްދިނުމަށް ނަމަވެސް، އެ އިއްތިހާދުން މިހާރު އެއްބަސްވެފައި ވަނީ ރަޝިޔާގެ މުދަލުގައި ނުޖެހި، އޭގެ ބަދަލުގައި އެ އިއްތިހާދުން ލޯނެއް ނަގައި، އެ ފައިސާ ޔޫކްރެއިނަށް ފޯރުކޮށްދިނުމަށެވެ.
ރަޝިޔާގެ މުދަލުން ޔޫކްރެއިންއަށް ފައިސާ ފޯރުކޮށްދިނުމާ އެންމެ ބޮޑަށް ދެކޮޅު ހެދީ ބެލްޖިއަމުންނެވެ. އެންމެ ގިނަ އަދަދަކަށް ރަޝިޔާގެ މުދާ ހިފަހައްޓާފައި ހުރީ އެ ގައުމުގައެވެ. ނަމަވެސް ރަޝިޔާގެ މުދާ ބޭނުންކުރުމުން ނިކުމެދާނެ ގާނޫނީ އަދި މާލީ މައްސަލަތަކާ މެދު އެ ގައުމުން ކަންބޮޑުވެ އެވެ.
އީޔޫގެ ވެރިން ވަނީ ޔޫކްރެއިންއަށް މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ބުނެފަ އެވެ. ޔޫކްރެއިންގެ ފައިސާ ހުސްވެ ދިފާއީ މަސައްކަތްތަކަށް އެދެވޭ ގޮތަކަށް ހަރަދު ނުކުރެވޭ ނަމަ އެ ގައުމުގެ މައްޗަށް ރަޝިޔާއިން ކުރި ހޯދާނެ ކަމަށް ގައުމުތަކުން ގަބޫލުކުރެ އެވެ.
ލޯނެއް ނަގައި ޔޫކްރެއިންއަށް ފައިސާ ފޯރުކޮށްދޭން ނިންމާފައިވާ ނަމަވެސް ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާމެދު ގޮތެއް ނިންމައި އެ ފައިސާ ބޭނުންކޮށްގެން ލޯން ދޫކުރުމާ ގުޅޭ ގޮތުން އަދިވެސް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ގައުމުތަކުގެ ލީޑަރުން އެއްބަސްވެފައިވެ އެވެ.
ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިންއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ރަޝިޔާއިން ނުދޭހާ ހިނދަކު އީޔޫ އިން ހިފަހައްޓާފައިވާ ރަޝިޔާގެ 210 ބިލިޔަން ޔޫރޯ ދޫ ނުކުރާނެ ކަމަށް އެ ޔޫނިއަން އިން ބުނެ އެވެ.
ޑައުންޕޭމަންޓް ބޮޑުކޮށް ދެއްކި ފައިސާ ކުލިން އުނިކުރަނީ
ހުޅުމާލެ ފޭސް 3އިން ދޫކުރި 689 ގޯތީގެ ގުރުލުން ނިންމާލައިފި
"ހާޓް އޮފް މޯލްޑިވްސް" މާފުށީ ޓޫރިޒަމް ބްރޭންޑް ލޯންޗުކޮށްފި