އެމްޑީޕީ ސަރުކާރުން އިމާރާތްކުރި 4000 ފްލެޓުގެ ޑައުންޕޭމަންޓު ދައްކާފައިވާ މީހުންގެ ކުލިން ކުޑަކުރި އަދަދަށްވާ ފައިސާ އުނިކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރަން ނިންމެވިކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ބޮޑުކުރުމުގެ އިތުރުން ޑައުންޕޭމަންޓްގެ ގޮތުގައި ފައިސާ ނެގުމަށް ނިންމެވީ ވެސް ރައީސް މުއިއްޒެވެ. ޑައުންޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް މިދިޔަ ސަރުކާރުން ނިންމާފައެއްނުވެ އެވެ.

ހައުސިން މިނިސްޓްރީން މިރޭ ބުނީ ޑިޕޮސިޓް ކުޑަކުރުމުގެ ސަބަބުން، ކުރިން އެ ދައްކައި ނިންމައިފައިވާނަމަ، އެ ފައިސާއިން ކުޑަވި އަދަދު އުނިކުރާނީ ދެން ދައްކަންޖެހޭ މަސްތަކުގެ ކުލިން ކަމަށެވެ.

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓެއްގެ ކުލި 6000 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ ސަރުކާރުން ވެސް ކަނޑައެޅި ވަރެވެ. މެއިންޓަނަސް ފީގެ ގޮތުގައި ދެ ކޮޓަރީގެ ފްލެޓުން ނަގަން ނިންމީ 1000 ރުފިޔާ އެވެ.

ތިން ކޮޓަރީގެ ފްލެޓްގެ ކުލި ކުޑަކުރީ 8500 ރުފިޔާއަށެވެ. މިދިޔަ ސަރުކާރުން ނިންމީ ތިން ކޮޓަރީގެ ފްލެޓުން 8000 ރުފިޔާ ކުލީގެ ގޮތުގައި ނެގުމަށެވެ. މެއިންޓަނަންސް ފީގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓުން ނަގަނީ 1500 ރުފިޔާ އެވެ.

ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުން އަންނަނީ ކުރިން ނުކުރަން ނިންމާފައިވާ ކަންތައްތައް ކުރަމުންނެވެ.