ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭސިންގ ޕޭ ނުވަތަ ދުނިޔޭގެ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހައްލުތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަންފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްފި އެވެ.

ބީއެމްއެލް، ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި ގާއިމުކުރެވުނު މި ސްޓްރެޓްޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެއެވެ. އެގޮތުން ރާއްޖެ މާކެޓު ކުރުމާއި ފަތުރުވެރިންގެ އެންގޭޖްމެންޓް އިތުރުކުރުމާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ އެވެ.

ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސްފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުރި ފުރުސަތުތައް ބީއެމްއެލްއާއި ވޭސިންގ ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރަމުންދާނެ އެވެ.

މީގެ އިތުރުން ބީއެމްއެލް އާއި ވޭސިން ޕޭ ގުޅިގެން ވަނީ ވޭސިން ޕޭ އެކޯސިސްޓަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފަ އެވެ. މި ސެޝަނުގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިން، ވޭސިން ޕޭ ބޭނުންކޮށްގެން މުދަލާއި ހިދުމަތަށް ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތަކާއި އެ ހިދުމަތްތައް ބޭނުންކޮށްގެން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މި ސެޝަނުގެ ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނަށް މައުލޫމާތު ދީ އެކަމާ ގުޅޭ މަޝްވަރާކުރެވުނެވެ.

"ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް އާ ގުޅިގެން ފަތުރުވެރިންނާއި ވިޔަފާރިތަކަށް ފައިސާދެއްކޭނެ އީޖާދީ އަދި ރައްކާތެރި ގޮތްތައް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވާހަކަދައްކަވަނީ

"ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާދެއްކޭ ފަދަ ޓެކްނޮލަޖީތަކާ އެކު ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ. މީގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ ފަތުރުވެރިންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ."

ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓާކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެ އެވެ.

ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މަރޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުޢާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެ އެވެ.