އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވަކި ކައުންސިލްތަކަކަށް ޓާގެޓުކޮށްގެން އޮޑިޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވަކި ކައުންސިލްތަކަށް އަމާޒުކޮށް އޮޑިޓުކުރަން ފަށާފައިވާއިރު އެ ކައުންސިލްތަކަށް މިހާރު ދަނީ އޮޑިޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގަމުންނެވެ.
އިންތިހާބާ ދިމާކޮށް ބައެއް ކައުންސިލްތަކުގެ އޮޑިޓް ފެށިއިރު، ބައެއް ކައުންސިލްތައް ގަވާއިދުން އޮޑިޓު ނުކުރާތީ އެކަމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ކައުންސިލް، މާލެ ސިޓީ ކައުންސިލް އޮޑިޓު ނުކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފަ އެވެ. މާލެ ސިޓީ ކައުންސިލް އޮޑިޓު ކޮށްނުދީގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ މިދިޔަ ނޮވެމްބަރު 19، ގައި އޮޑިޓު އޮފީހަށް ވެސް ގޮސްފަ އެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ކައުންސިލް، އައްޑޫ ސިޓީ ކައުންސިލުގެ އޮޑިޓު ރިޕޯޓެއް އެންމެފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ 2020 އަދި 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ އޮޑިޓު ރިޕޯޓެއް ވެސް އެންމެފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓެވެ.
މުހިންމު ބޮޑެތި ކައުންސިލްތަކުގެ ގަވާއިދުން އޮޑިޓު ނުކުރާއިރު، ސަރުކާރުގެ ވުޒާރާތައް ވެސް ގަވާއިދުން އޮޑިޓު ނުކުރާތާ އަހަރުތަކެއް ވަނީ ފާއިތުވެފަ އެވެ.
އެގޮތުން ސަރުކާރުގެ އެއްވެސް ވުޒާރާއެއްގެ މިދިޔަ އަހަރުގެ އޮޑިޓު އާންމުކޮށްފައެއް ނުވެ އެވެ. އޭގެ ކުރީ އަހަރު އޮޑިޓު ކޮށްފައި ވަނީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީ އެކަންޏެވެ.
އޮޑިޓު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ ކޮންމެ އިދާރާއަކުން މާލީ އަހަރު ނިމޭތާ ތިން މަހާއި 14 ދުވަހުގެ ތެރޭގައި، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 38 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދައުލަތުގެ އަހަރީ މާލީ ހިސާބުތައް ތައްޔާރުކޮށް، އޮޑިޓްކުރުމަށްޓަކައި އޮޑިޓާ ޖެނެރަލަށް، އަދި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ އެވެ.
މާލީ ހިސާބުތައް، ލިބޭތާ ތިން މަސް ދުވަހުގެ ތެރޭގައި އޮޑިޓަ ޖެނެރަލް އެ ހިސާބުތައް އޮޑިޓްކޮށް، އެ ހިސާބުތަކާމެދު އޭނާއަށް ފެންނަ ގޮތާއި އަދި އިސްލާހީ ފިޔަވަޅުތައް ހިމަނާފައިވާ ރިޕޯޓެއް، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ރިޕޯޓު އާންމުކޮށް ޝާއިއުކުރަން ޖެހެ އެވެ.
ނިދާއިރު ކައިރީގައި ފޯނު ބޭއްވުން ހުއްޓާލަން ޖެހޭ!
ރައީސް ބުދަ ދުވަހުގެ ރޭ ވިޔަފާރިވެރިންނާ ބައްދަލުކުރަނީ
މަސްވެރިން ވަގުތުން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި