ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކުރީ ސެޓުލްމަންޓް އެގްރީމަންޓުގެ ދަށުން 91.8 މިލިއަން ރުފިޔާއަށް ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހުޅުމާލެ 1 އަދި 2ގެ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކުރީ މި މަހުގެ ފަސްވަނަ ދުވަހުގައި އެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން ކަމަށާއި އެ މަޝްރޫއުގެ އަގަކީ 91.8 މިލިއަން ރުފިޔާ ކަމަށް، އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭ މަގުތައް ހެދުމަށް މަޝްރޫއު ހަވާލުކުރި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގު އެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 2ގައި އެ ކުންފުންޏާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި މަޝްރޫއެއް ކަމަށެވެ.

އެ ކުންފުނިން ބުނީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅާތީ ޗައިނާ ކުންފުންޏާއި އެކޮމޮޑޭޝަން ބްލޮކެއް އަޅަން ހަވާލުކުރި ކަމަށާއި އެހެން ނަމަވެސް ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމުން އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ހުއްޓާލަން ޖެހުނީ ކަމަށެވެ. އެހެންވެ މަގުތައް ހަދަން ފަހުން ހަވާލުކުރީ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން ކަމަށް އެޗްޑީސީން ބުންޏެވެ.

ޗައިނާ ކުންފުންޏާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން ހުޅުމާލެ 1ގެ ފަސް މަގަކާއި ހުޅުމާލެ 2ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހަދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އޭގެ އިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އަޅާނެ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829ރ. އެވެ. އެ ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯ އަށް ދަތިނުވާނެ ގޮތަށް 50 ޕަސެންޓު ފައިސާ އެއް އަހަރަށް ބަހާލައިގެންނެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.

އެޗްޑީސީން ބުނީ މަގު ހަދަން ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ.