ގިނަ ބަޔަކަށް އުނގަދޫތައްތައް ކުރިމަތި ވަމުން އަންނަކަމުގެ ޝަަކުވާއާއި އެކު ހުޅުމާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރުމަށްޓަކައި މަގުތަކުގައި ބަހައްޓާފައި ހުރި ސްޕީޑް ބްރޭކަރުތަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގަން ފަށައިފި އެވެ.

ހުޅުމާލޭ މަގުތަކުން މިހާރު ނަގަން ފަށާފައިވާ އެ ސްޕީޑް ބްރޭކަރު ތަކަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެޗްޑީސީން ހަރުކުރި ޕްލާސްޓިކް ކުދި ސްޕީޑް ބްރޭކަރުތަކެކެވެ. މި ބްރޭކަރުތަކުގެ ސަބަބުން ދުއްވާ އެއްޗިއްސަށް އުނދަގޫތަކެއް ކުރިމަތިވަމުން އަންނަކަމުގެ ޝަކުވާ ވަނީ މިފަހަކަށް އައިސް ވަރަށް ބޮޑުވެފަ އެވެ.

ގިނަ ބަޔަކު ބުނާ ގޮތުން މި ބްރޭކަރުތައް މަތީގައި ދުއްވާފައިދާއިރު، އީ މީހުންގެ ހަށިގަނޑަށާއި ވެހިކަލްތަކަށް ލޮޅުން އަރައި ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.

މި ބްރޭކަރުތައް ހަރުކުރަމުން ދިޔަ އިރުގައި ވެސް މި ބްރޭކަރުތަކަކީ ވަރަށް ގެއްލުން ހުރި ބްރޭކަރުތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ރައީސް މުހައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި ވެސް އެތައް ބަޔަކު ވަނީ އެ ބްރޭކަރުތަކުގެ ޝަކުވާ ހުށަހަޅާފަ އެވެ.

ގިނަ ބައެއްގެ ޝަކުވާއާއި އެކު އެންމެ ފަހުން އެޗްޑީސީން މި ވަނީ އެފަދަ ބައެއް ބްރޭކަރުތައް ނަގަން ފަށައިފަ އެވެ. އެގޮތުން، ރޭ ދަންވަރުން ފެށިގެން ވެސް ބްރޭކަރުތައް ވަނީ ނަގަން ފަށައިފަ އެވެ.

ހުޅުމާލޭ ބައެއް މަގުތަކުގައި ސިމެންތިން ހަދާފައި ހުރި ބައެއް ބްރޭކަރުތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ދުއްވާ ވެހިކަލްތަކައް ގެއްލުންވާ ހާލަތައް ގޮސްފަ އެވެ.

ސްޕީޑް ބްރޭކަރު ތައް ހަރުކުރުމުގެ ބޭނުނަމަކީ ވެސް ސްޕީޑް ބާރުކޮށް ދުއްވާ ވެހިކަލްތައް ކޮންޓްރޯލް ކުރުމެވެ. ހުޅުމާލެއަކީ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ތަނެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ. އަދި ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި، ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.

އެފަދަ އެކްސިޑެންޓުތައް މަދުކުރުމަށް އެޗްޑީސީން މިދިޔަ އަހަރު ހުޅުމާލޭގެ މަގުތަކަށް ބަދަލުތައް ގެނެސް، ވަށް ބުރުތަކާއި ސައިން ބޯޑުތައް އިތުރުކޮށްފައިވެ އެވެ.