ހިޖާމާ ޖެހުމަކީ ސުންނަތުން ވެސް ސާބިތުވާ، ޒަމާނުއް ސުރެ އެކި ބަލިތަކަށް ދެވެމުން އައި ފަރުވާއެކެވެ. ހިޖާމާއަށް ކަޕިން އޭ ވެސް ކިޔަ އެވެ. މީހުން ހިޖާމާގެ ފަރުވާ ހޯދާނީ އެ ކަމުން ލުއިތަކެއް ލިބޭ ކަމަށް ބުނެ އެވެ.
ކޮންމެ ވެސް ދުވަހަކުން ޕްރޮފެޝަނަލް ހިޖާމިސްޓަކަށް ވުމަކީ ށ. މިލަންދޫއަށް އުފަން، އެ ރަށު ފޭރުގަސްދޮށުގޭ ފާތުމަތު ފިރާޝާ (ފިރާ) އަބަދު ވެސް ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފިރާ ދުރާލާ ތައްޔާރުވި އެވެ. އެ ކަމަށް ބޭނުންވާ ސައިޓިފިކް އިލްމް ލިބިގަތެވެ. މި ކިޔައިދެނީ ފިރާ ހިޖާމިސްޓަކަށް ވުމަށް ކުރި ދަތުރުގެ ވާހަކަ އެވެ.
މިލަންދޫގެ ބަނދަރު މަތިން ފައިބައިގެން އިރުމަތީ ފަރާތަށް ނުކުމެ ތަންކޮޅަކަށް ހިނގައިލުމުން، އެ ރަށުގެ މިސްކިތެއް ކަމަށްވާ މަސްޖިދު އީމާން ފެންނާނެ އެވެ. އެ މިސްކިތުގެ އަރިމަތީ މަގުން ކުރިއަށް ގޮސް ފުއްޓަރު މަގަށް ނުކުމެ، ރަށުގެ އުތުރަށް ހިނގާލައިފި ނަމަ އެހެރީ "ފޯބެން ހިޖާމާ ކެއާ" ފެންނާށެވެ. އެ ތަނަކީ ފިރާ ނިސްބަތްވާ "ފޯ ބެން" ފެމެލީ ބިޒްނަސްގެ ދަށުން ރަޖިސްޓްރީކޮށް، ހިޖާމާގެ ޚިދުމަތެއް ދެމުން އަންނަ ތަނެކެވެ. ފިރާއަކީ "ފޯބެން ހިޖާމާ ކެއާ"ގެ ކުޅަދާނާ ހިޖާމިސްޓެވެ.
"އަޅުގަނޑު ހިޖާމިސްޓަކަށް ވުމަށް ބޭނުންވާކަން އާއިލާއަށް އަބަދުވެ އިނގޭނެ. އެކަމަށް އަޅުގަނޑު މަންމަ އަދި ފިރިމީހާ ވެސް ވަރަށް ހިތްވަރުދޭ. އެކަމަކު އެ ދާއިރާއިން ކިޔެވުމަށް ރާއްޖޭގައި ފުރުސަތު ނެތީމަ ހިތަށް އެރީ އެފަދަ ފުރުސަތެއް ލިބެންދެން މަޑުކޮށްލާނީއޭ،" ފިރާ ބުންޏެވެ.
ފިރާ، ދެން އިތުރަށް ކުރިއަށް ދިޔައީ ނާސިންގެ ދާއިރާ އިންނެވެ. އެ ދާއިރާގަ ވަރަށް ކާމިޔާބުކަމާ އެކީ 18 އަހަރު މަސައްކަތްކޮށް ރަށުގެ ގިނަ ބައެއްގެ ލޯބި އޭނާ ހާސިލްކުރި އެވެ. މިލަންދޫ ހެލްތު ސެންޓަރުގައި މިހާރު ވެސް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.
އޭނާ ޚާއްސަ ވެފައި ވަނީ "މިޑްވައިފްރީ" (ފޫޅުމައިކަން) އަށެވެ. ފިރާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އިން އެޑްވާންސް ނާސިން އަދި ޑިޕްލޮމާ އިން ނާސިން ފުރިހަމަ ކޮށްފަ އެވެ. އަދި ޒިކުރާ އިންޓަނެޝަލް ކޮލެޖްގައި ބެޗަލާސް އޮފް ނާސިން ސައިންސަސް އެންޑް މިޑްވައިފްރީ ކޯސް ފުރިހަމަކޮށްފަ އެވެ.
ނާސިންގެ ދާއިރާއިން ކުރިއަށް ދިޔަ ނަމަވެސް ފިރާ ހިޖާމިސްޓަކަށް ވުމަށް ދެކެމުން އައި ހުވެފެންނަކަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. އޭނާ ދެކޭ ގޮތުގައި ކޮންމެ ކަމެއްގެ ވެސް ތަޅުދަނޑިއަކީ ދުއާ އެވެ. އަދި "އިންޓެންޝަން" އެވެ. އެ ކަމަކަށް އެދި ދުއާކޮށްފި ނަމަ، "ސޯސްތަކެއް" މެދުވެރިކޮށް އެމަގަށް ދެވުމަށް މަގުކޮށިގެންދާނެ އެވެ.
އެ ކަމަށް ފާރަވެރިވެގެން ހުއްޓާ، "އެވިސިނާ އެކަޑަމީ މޯލްޑިވްސް" އަދި "އެވިސިނާ އެކަޑަމީ މެލޭޝިއާ" ގުޅިގެން ހިޖާމާގެ ޕްރޮފެޝަނަލް ކޯހެއް ފަށަން އުޅޭ ކަމުގެ ޚަބަރު އޭނާގެ ކަންފަތުގައި ޖެހުނެވެ. އަދި އެ ކަމަށް ކުރިމަތިލި އެވެ. ކޯހުގެ ފުރަތަމަ ބެޗުން ޖާގަ ކަށަވަރުވެ، ހިޖާމާ ކިޔެވީ މެލޭޝިޔާގެ "އެވިސެނާ އެކަޑަމީ"ގަ އެވެ.
ކޯހުގެ ތެރޭގަ އޭނާއަށް ވަރަށް ފަސޭހަވި އެއްކަމެއް އޭނާ ހިއްސާކޮށްލި އެވެ. އެއީ ސިއްހީ ދާއިރާގެ މީހަކަށް ވުމުން ލިބިގެން ދިޔަ ފަސޭހަތަކެވެ.
"ކިޔެވިއިރު ފާހަގަވި އެއްކަމަކީ ހިޖާމިސްޓަކަށް ވުމަށް މެޑިކަލް ބެކްގްރައުންޑެއް ހުރުން މުހިންމުކަން. ނަރުހަކަށް ވުމުން 'އެނެޓޮމީ' 'ފިޒިއޮލޮޖީ' ކިޔެވިފައި ހުރީ. ހިޖާމާގެ ތިއަރީ ބައި ސިކުނޑިއަށް ނަގައިގަންނަން ފަސޭހަވި. ސިއްހީ ދާއިރާގައި އުޅޭތީ އަބަދު ވެސް ބަލި މީހުންގެ ރައްކާތެރިކަމަކީ އެންމެ މުހިންމުކަން ދޭކަން. ސިއްހީ ހިދުމަތުގައި އަބަދު ވެސް ގެންގުޅޭ ވިސްނުމާއި ހިފަހައްޓާ އެތިކްސް (ސްލޫކް) މި މަސައްކަތުގައި ވެސް ހިފަހައްޓަން ޖެހުން ފަސޭހަވި،" ކެލެފޯނިއާ ވެސްޓާން ޔުނިވާސިޓީއިން އޮންލައިންކޮށް ހިންގި މާސްޓާސް އޮފް ސައިކޮލޮޖީ ވެސް ފުރިހަމަ ކޮށްފައިވާ ފިރާ ބުންޏެވެ.
އޭނާ ވަނީ ތައުލީއުލް ގުރުއާންގެ ހަތަރު އަހަރުގެ ޑިޕްލޮމާ ކޯހެއް ވެސް ފުރިހަމަކޮށްފަ އެވެ. އެއީ އިންޑިއާގެ ދާރުލް އިގާމުން އުރުދޫ ބަހުންނާއި އަދި އެތަނުގެ އެމެރިކާގެ ގޮފި، އަލްހުދާ އިންސްޓިޓިއުޓުން އިނގިރޭސި ބަހުންނެވެ. އެ އިލްމުގެ އެހީގައި މީހުންގެ ހިތުގައި އުފެދޭ ތަފާތު ދީނީ އަދި ނަފްސާނީ ހީތަކަށް އޭނާ ޖަވާބު ދެ އެވެ. އަދި އެ މީހުންގެ ހިތްތަކަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލުވައި ދެ އެވެ. ހިޖާމާ ސެޝަން ފަށަނީ ކްލައަންޓުންގެ ހިތްހަމަޖެހި ސިކުނޑި އެ ކަމަށް ތައްޔާރުވީމަ ކަމަށް އޭނާ ބުންޏެވެ.
ހިޖާމާ ޖަހަން ފެށުމުގެ ކުރިން ކަލްއަންޓްގެ ރައްކާތެރިކަން އޭނާ ކަށަވަރު ކުރެ އެވެ. އެ ކަމަށްޓަކައި ލޭގެ ޕްރެޝާ ޗެކްކުރުމާއި ސުވާލުކޮށްގެން ބަލި ހާލަތު ދެނެގަތުމާ، އެއްވެސް ބޭހެއް ބޭނުންކުރޭތޯ ބެލުން ހިމެނެ އެވެ. އަންހެނެއް ނަމަ، މާބަނޑު ނޫންކަން ޔަގީން ކުރުމާއި މައްސަރު ކަންތައް ޖެހިފައި ވޭތޯ ވެސް ބަލަ އެވެ. ލޭގެ ޕްރެޝަރު ދަށްވާހެން ހީވާނަމަ، އެ ފަދަ މީހަކު ޑޮކްޓަރަށް ދައްކަން އިރުޝާދު ދިނުމާއި ސްކޭންއެއް ހަދަން ޖެހޭ ހެން ހީވާ ނަމަ ޑޮކްޓަރަށް ދައްކާ ސްކޭން ކުރުމަށް ލާފާދެ އެވެ.
ހިޖާމާ ފެށުމުގެ ކުރިން އެ ކަމަށް ޚާއްސަ ހެދުމެއް ލައްވައި ފަރުވާ ކުރިއަށް ދާނެ ގޮތް ކިޔައިދެ އެވެ. އޭނާ ކްލައަންޓުންނަށް މުޅިން ވެސް ބޭނުން ކުރަނީ ޑިސްޕޯސަބަލް އެއްޗެއްސެވެ. ސާފުތާހިރު ކަމާއި ކްލައަންޓުންނަށް އެންމެ ހިތްހަމަޖެހޭނެ ގޮތަށް ހުރިހާ ކަމެއް ވެސް ގެންދެވޭތޯ ބެލުމަކީ ފިރާ ވަރަށް އިސްކަންދޭ ކަންކަމެވެ.
"ހިޖާމާ ޖަހަން ބޭނުންވެގެން އާންމުކޮށް އަންނަނީ ނާރުގެ މައްސަލަތަކަށާއި، ހަމުގެ އެކި ކަހަލަ ބަލިތަކަށް އަދި އައްސިވުމާއި، އެނބުރުން އެ ރުމާއި ބޮލުގައި ރިހުމަށް. މި ފަރުވާގައި މި އޮންނަނީ ތިން ސެޝަނެއް. ފުރަތަމަ ސެޝަނުން ވެސް ބައެއް މީހުންނަށް ލުއި ލިބި ދެވަނަ ސެޝަނަކަށް ދާން ނުޖެހޭ ފަހަރު ވެސް އާދޭ. ފަރުވާ ނިމުމުން ގާތްގަނޑަކަށް 97 ޕަސެންޓް މީހުން ބުނޭ ވަރަށް ރަނގަޅު ކަމަށް،" ފިރާ ކިޔައިދިނެވެ.
މަސައްކަތުގައި އުނދަގޫ ކަމަކަށް ފިރާ ފާހަގަ ކުރަނީ ހެލްތް ސެންޓަރުގައި ޑިއުޓީ ކުރަމުން ހިޖާމާ ކްލައަންޓުންނަށް ފަސޭހަ ވަގުތުތަކަށް ބަލައިގެން ހިޖާމާ އެޕޮއިންޓްމަންޓެއް ޝެޑިއުލް ކުރުމެވެ. އަދި ފުރަތަމަ ސެޝަނަށް ފަހު އެ މީހުންގެ ހާލަތު ޗެކްކުރުމާއި ޚާއްސަ އިރުޝާދު ދިނުމުގައި ގިނަ ވަގުތު ހޭދަވާ ކަމެވެ.
ހިޖާމަ ކިޔެވި ދުވަސްވަރުގައި ފިރާވަނީ "އެކޫޕަންޗާ" އަދި "ރިފްލެކްސޮލޮޖީ"ގެ ކޯހެއް ވެސް ފުރިހަމަކޮށްފަ އެވެ. ހިޖާމާ ޖަހަން ފެށުމުގެ ކުރިން ބައެއް މީހުންނަށް ރިފްލެކްސޮލޮޖީ އޭނާ ހަދައިދެ އެވެ. އެއީ އެކަމުގައި ގިނަ ފައިދާތަކެއް އެކުލެވިފައި ވާތީ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑަށް ލިބުނު ތަޖުރިބާއަށް ބަލާފައި ބުނެވޭނީ މިއީ ވަރަށް ޕްރޮފެޝަނަލް މަސައްކަތެކޭ. މެޑިކަލް ނޮލެޖް ހުރެގެން ހެޔޮ ނިޔަތަކާ އެކީ ވަރަށް ކެރިގެން، ވަގުތު ވެސް މެނޭޖް ކޮށްގެން އަދި މެންޓަލީ ފިޓް ވެގެންނޭ މި މަސައްކަތް ކުރެވޭނީ. ހިކުމަތްތެރި ކަމާއި ކެތްތެރިކަން ވެސް ބޭނުންވާނެ،" މި ދާއިރާއަށް ނުކުންނާނެ ކުއްޖަކަށް ފިރާދޭ ނަސޭހަތް ކިޔައިދެމުން ބުންޏެވެ.
މިއަދު ފިރާއަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކާމިޔާބު ހިޖާމިސްޓެވެ. ސީއްހީ ދާއިރާގެ ގިނަ ތަޖުރިބާ ހުރި މީހަކު ހިޖާމާ ޖެހުމުގެ ހިދުމަތް ދިނުމަކީ ފަރުވާ ހޯދާ މީހުންނަށް އެތައް ގޮތަކުން ފައިދާ ލިބިދޭނެ ކަމެކެވެ.