މާލޭ ސިޓީގެ މޭޔަރުކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ކާމިޔާބުކުރާނީ އެއްވެސް މީހެއްގެ "މަހާއި ކަށި" ނުކައި ކަމަށާއި އެ ޕްރައިމަރީ ކާމިޔާބު ކުރާނީ ހިދުމަތްތައް ދައްކައިގެން ކަމަށް މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީން ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި އެ ޕާޓީގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.
އާދަމް އާޒިމަކީ ރައީސް ސޯލިހު ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި އަލީ އާޒިމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ތާއީދު ކުރައްވާފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އޮތް ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އޭނާ ޕްރައިމަރީ ކާމިޔާބުކުރައްވާނީ އެއްވެސް ބޭފުޅަކާ ޒާތީ ގޮތުން ޖައްސައިނުލައި، އެހެން މީހުންނަށް ވިޔާނުދާ ހުތުރު ގޮތްގޮތަށް ބަސްތައް ރައްދުނުކޮށް އަދި އެއްވެސް ބޭފުޅެއްގެ "މަހާއި ކަށި ނުކައި" ކަމަށެވެ.
އާޒިމް ވިދާޅުވީ އިންސާނުންގެ މަހާއި ކައްޓާ ކައިގެން އިންތިހާބުތައް ކާމިޔާބުކުރުމަކީ އޭނާއަށް ތާއީދުކުރާ މީހުން ވެސް ދަންނަ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ތާއީދުކުރާ މީހުންނަކަށެއް، އިންސާނުންގެ މަހާއި ކައްޓާ ކައިގެން އިންތިހާބުތައް ކާމިޔާބުކުރުމަކީ ދަންނަ ކަމެއް ނޫން. އަޅުގަނޑު ދަންނަ ކަމަކީ ހުރި މައްސަލަތަކަށް ވާދަކޮށްގެން އެ މައްސަލަތައް ހައްލުކޮށްދީގެން، ހައްލުކުރާނެ ގޮތްތައް ކިޔައިދީގެން އިންތިޚާބުތައް ކާމިޔާބުކޮށް އެ މައްސަލަތަކުގެ އަލީގައި އެ ރައްޔިތުންނަށް ފަސޭހަތައް ހޯދައިދިނުން. އެއީ އަޅުގަނޑުމެން ދަންނަ ކަމަކީ...އަޅުގަނޑު ހަމަ ގައިމު ވެސް އެއްވެސް މީހެއްގެ މަހާއި ކައްޓަކާ ނުކާނަން،" އާޒިމް ވިދާޅުވި އެވެ.
މޭޔަރުކަމުގައި މާލޭގެ ރައްޔިތުންނަށްޓަކައި ގިނަ ކަންކަން ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އޭނާ ވާދަކުރައްވަނީ މައްސަލަތަކާ ކަމަށާއި އެކަން މުޅި މާލެއަށް ބަލައިލުމުން ވެސް ފެންނާނެކަމަށެވެ.
އާޒިމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރައްވާނީ އަދި ކުރައްވާފައި އޮންނާނީ ވެސް އޮންނަ އުސޫލުގެ ތެރެއިން އިންސާފުގެ ތެރެއިން ކަމަށެވެ. އަދި މޭޔަރު ކަމަށް ނުކުންނާނީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ހިދުމަތްތައް ފޯރުކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަނީއާއި ޝާހްރުކް ޚާންއާ ދެމެދު މައްސަލަ ޖެހުނު ސަބަބު!
ފުރަތަމަ ޓައުންޝިޕް މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފި
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ބާސެލޯ ނަސަންދުރާ