ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރާއި އިތުރު ބަޔަކު ހައްޔަރުކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަކުން ކުރިއަށްގެންދިޔަ މުޒާހަރާ ފުލުހުން ރޫޅާލައިފި އެވެ.
މެންބަރު މައުރޫފްގެ އިތުރުން ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީއަކާއި ބައެއް މަސްވެރިން ވެސް ހައްޔަރުކުރި އެވެ. އަދި ބައެއް މަސްދޯނިތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މެންބަރު މައުރޫފް ހިމެނޭހެން ބައެއް މީހުން ހައްޔަރުކޮށްފައިބާ ކަމަށެވެ.
ފުލުހުން އެ ދޯނިތަކަށް އެރީ ކޯޓު އަމުރެއް ވެސް ނެތި އެވެ.
މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ޑިމާންޑުކުރީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށެވެ. އަދި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުމަށް ވެސް އަންނަނީ ޑިމާންޑް ކުރަމުންނެވެ.
މީގެއިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
މަސްވެރިންގެ މުޒާހަރާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މި ސަރުކާރުން މައުނަވީ ހައްލެއް ހޯދައިދޭނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑު ކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސް ތެރޭގައި ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން ކަމަށެވެ.
މީގެއިތުރުން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅަކުން ވެސް އެއް ރަށަކުން އެސްޓީއޯގެ ބޭސް ރޭޓުގައި ކަންނެލި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަ ކުރުމަށް އެއްބަސްވުމެއް
އާއްމުކޮށް ބަނޑު ހަރުވާނަމަ ވިސްނުން ކޮށިވޭ: ދިރާސާ
މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް ލޯނެއް
