ބޮޑުކަންނެލި މަސްވެރިން މާލޭގެ ފަޅުގައި އިއްޔެއިން ފެށިގެން މުޒާހަރާ ކުރަމުން އަންނަ ދޯނިތަކަށް ފުލުހުން އަރަން ފަށައިފި އެވެ.
ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ، ކުރަމުންދާ އެ މުޒާހަރާގައި 60 ވަރަކަށް ދޯނި ބައިވެރިވެ އެވެ.
މުޒާހަރާގެ ބައިވެރިއަކު ބުނީ ފުލުހުން ދޯނިތަކަށް އަރަނީ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީން ހައްޔަރުކުރުމުގެ ނަމުގައި ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް ވަކިއެއްޗެއް ނުބުނެ އެވެ.
މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ޑިމާންޑުކުރީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށެވެ. އަދި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުމަށް ވެސް އަންނަނީ ޑިމާންޑް ކުރަމުންނެވެ.
މީގެއިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
މަސްވެރިންގެ މުޒާހަރާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މި ސަރުކާރުން މައުނަވީ ހައްލެއް ހޯދައިދޭނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑު ކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސް ތެރޭގައި ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން ކަމަށެވެ.
މީގެއިތުރުން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅަކުން ވެސް އެއް ރަށަކުން އެސްޓީއޯގެ ބޭސް ރޭޓުގައި ކަންނެލި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފުރަތަމަ ޓައުންޝިޕް މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފި
ގޯލްޑަން ގްލޯބް އެވޯޑްސް 2026ގެ ނޮމިނޭޝަންތައް އިއުލާން ކޮށްފި
ފްލާސްޓިކް ސާޖަރީ ހެދި ކަމަށް ފެތުރޭ އަޑުތައް ސިޑްނީ ދޮގު ކޮށްފި
