ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިން މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅައިފި އެވެ.

ކަށިމިޔަރު މަސްވެރިކަމަށް ފިޝަރީޒް މިނިސްޓްރީން ހުއްދަ ދިނީ އެކަން ނުކުރުމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުންނާއި ގިނަ އަދަދެއްގެ ޑައިވަރުން ގޮވާލަމުން ދަނިކޮށެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ތިމާވެށި ރައްކާތެރިކުރުމަށް އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ހ. ޝޭޑީކޯނާ، ހުމައިދާ އަބްދުލްޣަފޫރާއި މ. މުލި، މުހައްމަދު ސީނީން އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހާ ދެކޮޅަށް ހުށަހެޅި މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކިކޮތެއް ނުނިންމަ އެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ހިމެނޭ ގޮތަށް އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވާފައިވެ އެވެ. އެ ސިޓީގައި ވަނީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށް އެދިފަ އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކުރުމުން ފަތުރުވެރިކަމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ކަށިމިޔަރީ ދުނިޔެއިން ނެތިދިޔުމުގެ ބިރު ވެސް ހީވެފައި އޮތް ބާވަތެކެވެ. ކަށި މިޔަރުގެ ބިސް އުފެދޭ ހިސާބުން ފެށިގެން ވިހެއުމާ ހަމައަށް ދެ އަހަރު ނަގަ އެވެ. އެހެންކަމުން ކަށިމިޔަރު ރާއްޖެއިން ނެތި ދިޔުމުގެ ބިރު މިހާރު މިވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.