ރޯދަމަހުގެ ހަވީރު ވަގުތަކީ މާލޭގެ މަގުމަތި އާއްމުކޮށް ބާރުބޮޑު ވަގުތެވެ. ރޯދަ ކުރުކުރަން ހުސް މައިޒާން ތަކަށް ނުކުމެ އުޅޭ ކުޑަ ކުދިންނާއި ބޮޑެތި މީހުން ގިނަ ވަގުތެކެވެ. ހަވީރު ފިންޏަށް ސައިކަލު ބުރުޖަހާ މީހުން ވެސް އާއްމުކޮށް ފެންނަ ވަގުތެކެވެ.

މިއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. ހެންވޭރު ހެދިގޮނޑުދޮށާއި ލޮނުޒިޔާރަތްކޮޅުގެ އިތުރުން މިފަހުން ހުޅުވި ރަސްފަންނާއި ރަސްރަނި ބަގީޗާއން ވެސް ފެންނަނީ އެއް މަންޒަރެކެވެ. އެކި އުމުރުފުރާގެ މީހުން އެއްވެ ގުޑި އެރުވުމާއި މިނޫންވެސް ހަރަކާތްތަކުގައި ޝާމިލްވެ އުޅޭ ތަނެވެ. އާއިލާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރާ މަންޒަރެވެ.

މަގުތަކަށް ނަޒަރު ހިންގާލިއަސް މަންޒަރު ވަކި ތަފާތެއް ނޫނެވެ. ދަރިން ފަހަތުލައިގެން ސައިކަލު ދުއްވާ ބަފައިން އެހާމެ ގިނައެވެ. ބާޒާރުމަތީ ސަރަހައްދުގައި ރޯދަކުރު ކުރަން ތިބޭ އުމުރުން ދުވަސްވީ މީހުންނާއި ހަރުމީހުން އެގަޑީގައި އިތުރުވެ އެވެ. ގޭގޭގެ ކަންމަތި ތަކުގައި ގްރޫޕް ހަދައިގެން ތާސް ނުވަތަ ރާޒުވާގެ ގަދަ ގަނޑަކަށް ގެއްލިފައި ތިބެނީ ވެސް މަދު ބައެއް ނޫނެވެ.

މިއަހަރުގެ ރޯދަމަސް ފެށިގެން ހަފްތާއެއް ފާއިތުވިއިރު މަންޒަރު ވަކި ތަފާތެއް ނޫނެވެ. މަގުތަކުގައި އެހާ ކާރުބާރު ބޮޑެވެ. ޕާކު ތަކާއި މައިޒާން ތަކުގައި ޖާގަ އޮންނަނީ ކުޑަވެފައެވެ. ހަވީރު ދަޅައަށް މާލެތެރެ މިއަހަރު ވެސް ހޭލަމޭލަވެ އެވެ.

ވިސްނާލަންވީ ކަމަކީ އެހެން އަހަރުތަކާއި މި އަހަރު ތަފާތު ކަމެވެ. ގައުމުގައި ކޮވިޑް-19ގެ ބިރު ބޮޑުވެ ހާލަތު ބަދަލުވެފައިވާ ކަމެވެ. އާ އާއްމު ހާލަތުގައި އަހަރުމެންގެ އަމަލުތައް ބަހައްޓަން ޖެހޭ ގޮތް ތަފާތު ކަމެވެ.

އެގޮތުން ހަވީރުގެ ވަގުތު ބޭރަށް ނުކުމެ އުޅުމުގައި ވެސް ރައްކާތެރިކަން އިސްކުރަން ޖެހެ އެވެ. ކަމާބެހޭ ފަރާތަތަކުން އަންގާފައިވާ އެންގުންތަކަށް ބޯލަނބަން ޖެހެ އެވެ. މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހެ އެވެ. ފަރުދީ ޒިންމާ އަދާކުރަން ވިސްނަން ޖެހެ އެވެ.