އިންޑިއާއިން ބޭރަށް ދަތުރު ނުކުރެވޭ ގޮތަށް ޕާސްފޯޓު ހިފަހައްޓާފައިވާ ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީއާއި ރާޖް ކުންދްރާގެ ޕާސްޕޯޓް ދޫކުރަން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 60 ކްރޯޑް ރުޕީސް ދައްކަން ކޯޯޓުން އަންގައިފި އެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތު ކުރެވި ޝަރީއަތް ކުރިއަށްދާތީ އެ މައްސަލަ ނިމެންދެން ޝިލްޕާގެ ދެމަފިރިންނަށް ގައުމުން ބޭރަށް ނުދެވޭނެ ކަމަށް ބުނެ ކޯޓުން ވަނީ އެލްއޯސީ (ލުކް އައުޓް) އޯޑާއެއް ނެރެފަ އެވެ.
އެހެން ނަމަވެސް ރާޖްގެ ބައްޕަގެ ސިއްހީ ހާލު ގޯސްވެ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ފަރުވާ ދެމުން ދާތީ އެ ދެމީހުންގެ ޕާސްޕޯޓު ދޫކޮށް ދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
އެ ހުށައެޅުމުގެ ޖަވާބުގައި މުމްބާއީގެ ހައި ކޯޓުން ބުނެފައިވަނީ އެލްއޯސީއަށް ލުއިދީ ޕާސްޕޯޓް ދޫކުރެވޭނީ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ވަކި އަދަދެއް ދެއްކުމުން ކަމަށެވެ.
ޝިލްޕާއާއި ރާޖްގެ މައްޗަށް ކުރެވިފައިވާ ދައުވާއަކީ މިހާރު އުވިފައިވާ އެ މީހުންގެ ޕްރޮޑަކްޝަން ކުންފުންޏަކަށް އިންވެސްޓްކުރި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އެކެވެ.
އެ މައްސަލައިގައި ދައުވާކުރި ފަރާތުން ވަނީ އެ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 60.48 ކްރޯޑް ރުޕީސް ހޯދަން ކޯޓުގައި އެދިފަ އެވެ.
ރަންވީރު - ދީޕިކާގެ ފިލްމުތަކަށް ބޮޑު އަގެއް!
ވަޒީފާގެ މާހައުލުގެ ހާސްކަން ފިލުވާލަން އެހީއެއް!