ފުލުހުން ބަލާ މައްސަލަތަކުގެ އަދާހަމަ ހޯދުމަށް ސީދާ ތަހުގީގު އޮފިސަރާ މުއާމަލާތު ކުރެވޭ ނިޒާމެއް ހިމެނޭ ގޮތަށް، ފުލުހުންގެ އެޕްލިކޭޝަން 'ޕޮލިސް އެމްވީ' މިއަދު އިފުތިތާހުކޮށްފި އެވެ.

އެ ނިޒާމު ހިމެނޭ ގޮތަށް ފުލުހުންގެ އައު ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް އިފުތިތާހުކުރީ، މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ، ގިނަ ފީޗާތަކެއް ހިމެނޭ ޕޮލިސް އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި، މި އެޕްލިކޭޝަންގައި ހިމެނޭ އެންމެ ޚާއްސަ ފީޗާއަކީ، ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ހޯދުމަށް އެ މައްސަލަ ބަލާ ތަހުގީގު އޮފިސަރާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވުމެވެ.

މި އެޕްގައި ހިމެނޭ އެހެނިހެން ފީޗާތަކުގެ ތެރޭގައި ސްކޭމްތަކުގެ މައުލޫމާތު ދިނުމާއި ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލަ ރިޕޯޓްކުރުމާއި އެވިޑެންސް ސަބްމިޝަންއަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތައް ދިނުމާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަންލޮސްޓް އެންޑް ފައުންޑް ނުވަތަ ގެއްލިގެން ހޯދާ ތަކެއްޗާއި ފެންނަ ތަކެތި ރިޕޯޓްކުރުން ހިމެނެ އެވެ.

ހަމައެހެންމެ، މިއަދު ވަނީ، ފުލުހުންގެ ސައިބާ ޕޯޓަލް އިފުތިތާހުކޮށްފައެވެ. އެ ޕޯޓަލް އިފުތިތާހުކޮށްދެއްވާފައި ވަނީ، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނެވެ.

މިނިސްޓްރީން ބުނީ، އެއީ މުޖުތަމައުގައި ހިނގާ ސައިބާ ކުށްތައް ދެނެގަނެ، އެ ކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ޕްލެޓްފޯމެއް ކަމަށެވެ.

އެއީ، ފުލުހުންނަށް ރިޕޯޓުކޮށް، ސްކޭމާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާޗްކުުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.

ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވަނީ، ފްލީޓް މެނޭޖްމަންޓް ސިސްޓަމާއި އެންޓްރީ މެނޭޖްމަންޓް ސިސްޓަމާއި ޕޮލިސް އިންފްރާސްޓަރަކްޗާ ޕްރޮޖެކްޓްސް ސިސްޓަމް ދައްކާލާފަ އެވެ.

މައްސަލަތަކުގެ އަދާހަމަ ހޯދުމަށް ތަހުގީގު އޮފިސަރާ ވާހަކަދެއްކޭ ނިޒާމެއް ހެދިއިރު، ފުލުހުންގެ މުއައްސާސައަށް ރައްޔިތުންގެ އޮންނަ އިތުބާރު ކުޑަވެފައިވާކަން ދޭހަވާ އެތައް ފާޑުކިޔުމެއް ވަނީ އަމާޒުވެފަ އެވެ.