ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަންދު ކޮލެޖަށް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިދިޔަ ހޯމަ ދުވަހު އެފަދައިން ހުކުމް ކުރެއްވީ ގެއްލުމުގެ ބަދަލު ހޯދުމަށް މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާއަށް ދައުލަތުން އިއުތިރާފުވުމުންނެވެ.

އެމްއީއެސް ސްކޫލް ކުރިން ހިންގި އިމާރާތް މާލޭ ހައި ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ އެއްބަސްވުމާ ޚިލާފަށް އެޑިއުކޭޝަން މިނިސްޓްރީން އެ އެއްބަސްވުން އުވާލައި ޝަރީއަތުގެ އަމުރެއް ނެތި އެ އިމާރާތް އެ ކުންފުނިީގެ އަތުން ގަދަކަމުން އަތުލި ކަމަށް ބުނެ ސިވިލް ކޯޓުގައި ކުރި ދައުވާއާ ގުޅިގެން އެ ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ހައިކޯޓުން ހުކުމް ކުރީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކަނޑައަޅާފައި ވަނީ ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކުރީގެ ސަރުކާރުން 2015 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް އެތަނުގައި ހިންގާފައިނުވާ ކަމަށް ބުނެ އެވެ. ނަމަވެސް އެއްބަސްވުން ބާތިލް ކުރީ ގޯސް ކަމަށް ބުނާ ބުނުން ސާފެއް ނުވެ އެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ކަނޑައެޅީ އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށެވެ.

މަންދު ކޮލެޖު ހިންގާ ކުންފުނިން ދައުވާ ކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް ދައުލަތުން އެއްބަސްވީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދިނުމަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތައް ކަމަށެވެ.

ދައުލަތުން އެގޮތަށް އެއްބަސްވުމުން ސިވިލް ކޯޓުން ވަނީ އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ހުކުމް ކޮށްފަ އެވެ.