ވެރިކަމަށް އެރުމުގެ ކުރިން ރައިސް މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ވާނުވާ ބަންދު ނައްތާ ނުލެވުމުނުމަކަށާއި މައްސަލައަކީ އެއީ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޓައުން ހޯލު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވާނުވާ މިކިޔަނީ ޝަރީއަތް ނިމެންދެން، ޝަރީއަތެއް ނުހިނގާ ދަންމާލައިގެން އެތައް އަހަރެއް ވަންދެން ބަންދުގައި ބައިތިއްބުމަށް ކަމަށެވެ. އަދި މި ދެއްކެނީ ކުށުގައި ތިބޭ މީހުންގެ ވާހަކައެއް ނޫން ކަމަށާއި މި ދެއްކެނީ ތުހުމަތުގައި ތިބޭ މީހުންގެ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ވާނުވާ މައްސަލަ އުޅޭ ނަމަ އެކަމަށް އެޓެންޑުވާން ޖެހޭނީ ގާނޫނު ޑިޕާޓްމަންޓްތަކުން ކަމަށެވެ. އަދި އެކަމަށް އެޓެންޑް ވާނީ ޕޮލިޓީޝަނުންނެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
މައްސަލައަކަށް ވަނީ މި ތުހުމަތުތައް ކޯޓުގެ އަމުރާ ނުލާ ޕޮލިހުންގެ ފޭކް ލިޔުމަކާއެކު ޖަލަށް ލާތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީނަށް މިފަދައިން ވިދާޅުވި އިރު، އެމްޑީޕީ ސަރުކާރުގައި ކުރީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވެސް ގެންދަވަނީ އެ ދައުވާތައް ކުރިއަށް ގެންދަމުންނެވެ. އަދި ވާނުވާ ބަންދު ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި ނަމަވެސް ދާދި ފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އެއީ އުވާލެވޭނެ ބަންދެއް ނޫން ކަމަށާއި އެއީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ވައުދު ބޮލާލައި ޖަހާފަ އެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒުއަށް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!