ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން ޔާފިސް 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

2021 ވަނަ އަހަރު ޝޯޝަލް މީޑިއާގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސް 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ޔާފިސް ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމުތަކުގެ އިތުރުން ފުލުހުންގެ ތަހުގީގުގައާއި ޝަރީއަތުގެ މަޖިލީހުގައި ވެސް ރައީސް ނަޝީދަށް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.

އޭނާގެ މައްޗަށް ދައުލަތުންވަނީ ޓެރަރިޒަމްގެ ހަމަލާއެއް ހިންގާނެކަމުގެ އިންޒާރު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.

އެގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިން މައްސަލައިގައި ޔާފިސްގެ މައްޗަށް އިއްވީ ތިން އަހަރުގެ ހުކުމެކެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިން މައްސަލައިގައި އޭނާއަށް ފަސް އަހަރުގެ ހުކުމެއް އިއްވިއިރު، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދެ އަހަރުގެ ހުކުމެއް އިއްވި އެވެ.

6 މެއި، 2021 ވަނަ ދުވަހު ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް މަޖީދީ މަގުގައި އެއްޗެއް ގޮއްވާލައިގެން ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި އެމަނިކުފާނު ހަނި ގޮތަކަށް ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ފުން ޒަހަމްތަކެއް ލިބިވަޑައިގަތެވެ.

ޔާފިސް ނަޝީދަށް އިންޒާރު ދީފައިވަނީ އެ ހަމަލާއަށް ފަހުގަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 23 އޮގަސްޓް 2021 ގައެވެ.