ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އެންމެ ފަހުން ހުޅުވި އާ ޓާމިނަލްގެ ކިއު މަދުކުރުމަށްޓަކައި އީގޭޓް ހަރުކުރުމުގެ މަސައްކަތް ފަށަައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓު ބޭނުންކުރާ މީހުން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި މިހާރު ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަމަށެވެ. އީ ގޭޓުތައް ހަރުކުރަނީ އެކަމަށް ނިމުމެއް ގެނައުމަށް ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"މި ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން، ޖެނުއަރީ 1، 2016 ގެ ކުރިން އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލެއްގައި 10 ގޭޓު (ޖުމްލަ 20 ގޭޓް) ހަރުކުރެވި ބޭނުންކުރަން ފެށޭނެ،" މުއިއްޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ގޭޓުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރި ނަމަވެސް، އަންނަ އަހަރު ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް އެފަދަ ގޭޓުތައް ހަރުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބޯޑަރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އިލެކްޓްރިކް ގޭޓަށް އާންމުކޮށް ކިޔަނީ އޮޓޮމޭޓެޑް ބޯޑާ ކޮންޓްރޯލް (އޭބީސީ) އެވެ. އެ ބާވަތުގެ ގޭޓުތައް ބޭނުންކުރެވޭނީ އިލެކްޓްރޯނިކް ޕާސްޕޯޓު އޮންނަ ފަސިންޖަރުންނަށެވެ.

އީގޭޓު ނުވަތަ އޭބީސީ އިން ފަސިންޖަރުންގެ ޕާސްޕޯޓު ސްކޭން ކޮށްލުމުން ބައޮމެޓްރިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމީހެއްގެ ފޭޝަލް ނުވަތަ ފިންގަޕްރިންޓް ރިކޮގްނިޝަން ބަލައި އެއީ އެ ޕާސްޕޯޓުގެ ވެރިފަރާތްކަން ފަސޭހަކަމާއެކު ކަށަވަރު ކުރާނެ އެވެ. އެ ގޭޓު ހުޅުވޭނީ ޕާސްޕޯޓުގައިވާ މައުލޫމާތާއި އެމީހެއްގެ މައުލޫމާތު ދިމާވާ ނަމަ އެވެ.

މި ޓެކްނޮލިޖީއަކީ ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ގައުމެއްގައި ވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީ އެކެވެ. މި ގޭޓުތައް ބޭނުންކުރަން ފެށުމުން އިމިގްރޭޝަން ކައުންޓަރުތައް ކައިރީގައި މަޑުކުރާކަށް ނުޖެހޭނެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވި ފަހުން މިހާރު އެ ޓާމިނަލުން 25 އެއާލައިނަކަށް އަންނަނީ ހިދުމަތް ދެމުންނެވެ. އެންމެ ފަހުން މި މަހުގެ 17 ގައި އާ ޓާމިނަލުން ހިދުމަތް ދޭން ފެށީ އެއާ އޭޝިއާ މެލޭޝިއާ އާއި ތައި އެއާ އޭޝިއާ އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.