ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށުމާއެކު ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލަކުން އެމްއާރުއައިގެ ހިދުމަތް ވެސް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ފަށާފައި މިވަނީ ވަރަށް އަވަހަށް ތަކެތި އޯޑަރު ކުރެވިގެން، ސީޓީ ސްކޭންގެ ހިދުމަތް، އިމާރާތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ގާއިމު ކުރުމަށް 15 ރަށެއް އެންމެ ފެންވަރު ރަނގަޅުކޮށް، 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ގާއިމު ކުރުމުގެ މަސައްކަތް، އެހެންވީމާ ހަމަޖެހިގެންދާނެ، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި 15 ރަށެއްގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހަ ރަށެއްގައި ޑީކޮމްޕްރެޝަން ޗެމްބަރު ވެސް ބަހައްޓާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހަ ރަށެއްގައި ޑީކޯ ޗެމްބަރު ބަހައްޓާނެ ކަމަށް މުއިއްޒު މިރޭ ވިދާޅުވި ނަމަވެސް، މީގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހު ތ. ގުރައިދޫގައި ޑީކޯ ޗެމްބަރެއް ހުޅުވުމަށްފަހު އެ ރަށުގައި ހުންނަވައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޖެނުއަރީ މަހުގެ ނިިޔަލަށް ހަ ރަށެއްގައި ޑީކޯ ޗެމްބަރުތައް ބަހައްޓާނެ ކަމަށެވެ.

ޑީކޯ ޗެމްބަރުތައް ގާއިމުކުރަން ސަރުކާރުން ނިންމާފައި ވަނީ މާލެއާއި އައްޑޫއާއި ފުވައްމުލައް އަދި އއ. ރަސްދޫ އާއި ގއ. ވިލިނގިލީގަ އެވެ.