އަންނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ބުރާސްފަތި ދުވަހުގެ ރޭ އަޔަލެންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ދެއްކި ރަތްކާޑާއެކު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބޮޑު ސަސްޕެންޝަނަކާ ކުރިމަތިލުމުގެ ބިރު ހީވެއްޖެ އެވެ.
ކޮލިފައިންގައި އަޔަލެންޑާއި ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް ވަނީ 0-2 އިން ބަލިވެފަ އެވެ. އަޔަލެންޑުން މެޗުގައި ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން ޕޯޗުގަލް މި މެޗުގައި ދެއްކި ކުޅުމަށް ބަލާނަމަ އެޓީމަށް ފަހަތުން އަރައި އަޔަލެންޑު ބަލިކުރުމަކީ ނުވާނެ ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ. އެގޮތުން ފަހު ހާފަށް ޕޯޗުގަލް ކުޅެން ނުކުތްއިރު ވެސް ރޮނާލްޑޯ ހުރީ ވަރަށް ޕްރެޝަރުގައި ކަަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ރޮނާލްޑޯއަކީ އަބަދު ވެސް މުހިންމު މެޗުތަކުން ބަލިވާ ހާލަތުގައި ވަރަށް ބޮޑަށް ޕްރެޝަރު މައްޗަށް ގޮސް ފްރަސްޓްރޭޓްވާ ކުޅުންތެރިއެއްގެ ގޮތުގައި އޮންނަނީ ބެލެވިފަ އެވެ، އެގޮތުން މި މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ. އަޔަލެންޑްގެ ގޯލު ކުރިމަތިން ލިބުނު ފުރުސަތުތައް ވެސް ބޭނުން ނުކުރެވުމުގެ ސަބަބަކަށް ވީ އަޔަލެންޑްގެ ޑިފެންޑަރަކަަށް ނުރައްކާތެރި ފައުލް އެއްކޮށް ރަތް ކާޑެއް ހޯދުމެވެ.
ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކީ ދެވަނަ ހާފުގައި އަޔަލޭންޑްގެ ކުޅުންތެރިޔާ ޑާރާ އޯޝީގެ ބުރަކަށީގައި ޖަހައި ފައުލް ކުރުމުންނެވެ. މި ފައުލް އާ ގުޅިގެން ރޮނާލްޑޯއަށް ރެފްރީ އެންމެ ފުރަތަމަ ދެއްކީ ރީނދޫ ކާޑެވެ. ނަމަވެސް ފަހުން ވީއޭއާރު ބެލުމަށް ފަހު ރެފްފީ ވަނީ ރީނދޫ ކާޑު ކެންސަލްކޮށް ސީދާ ރަތް ކާޑެއް ރޮނާލްޑޯއަށް ދައްކައިފަ އެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 226 މެޗުގައި ދެއްކި ފުރަތަމަ ރަތްކާޑެވެ.
ރިޕޯޓުތައެް ބުނާގޮތުން މި ރަތްކާޑުގެ ސަބަބުން ރޮނާލްޑޯއަށް ދެ މެޗު ނުވަތަ ތިން މެޗުގެ ސަސްޕެންޝަނެއް އައުމަކީ ގާތް ކަމެކެވެ. އެއީ އޭނާ ކުރި ފައުލްގެ ނުރައްކާ ކަމަށް ބަލާފަ އެވެ.
އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ ރޮނާލްޑޯ ކުރި ފައުލްއަކީ ބޮޑު ފައުލެއް ނޫން ކަމަށެވެ. އަދި އެއީ އޭނާއަށް ރަތް ކާޑެއް ދައްކަން ޖެހޭ ފައުލެއް ކަމަށް ނުދެކޭ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ހާއްސަކޮށް ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ރޮނާލްޑޯ ކުރި ފައުލަކީ އެހާ ހަރުކަށި އަދަބެއް ދޭން ޖެހޭ ވަރުގެ ފައުލެއް ނޫން ކަމަށެވެ. އަދި ރޮނާލްޑޯ އިދިކޮޅު ކުޅުންތެރިޔާގެ ގައިގައި ޖަހާފައި ވަނީ އުޅަނބޮށިން ނޫން ކަމަށާއި އޭނާ އިދިކޮޅު ކުޅުންތެރިޔާ ވައްޓާލާފައި ވަނީ މުޅި ހަޑިގަނޑުގެ ބޭނުންކޮށްގެން ކަމަށް މާޓިނޭޒް ބުންޏެވެ.
ނަމަވެސް މި މައްސަލަ ނިމިގެންދާނެ ގޮތެއް އެނގޭނީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން މި މައްސަލަ ބަލައި ތަހުގީގު ކުރުމުންނެވެ. ބައެއް ރިޕޯޓުތަކުން ބުނާގޮތުގައި މި މައްސަލައިގައި ރޮނާލްޑޯއަށް މަދުވެގެން ދެ މެޗުގެ ސަސްޕެންޝަނެއް ނުވަތަ ތިން މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހޭނެ އެވެ.
ރޮނާލްޑޯ ދެމެޗު ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހިއްޖެ ނަމަ ކޮލިފައިންގައި ދެން ކުޅެން ޖެހޭ މެޗުގެ އިތުރުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗެއް ރޮނާލްޑޯއަށް ގެއްލޭނެ އެވެ. އަދި ތިން މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ މުޅި ވޯލްޑް ކަޕް މުބާރާތް ވެސް ރޮނާލްޑޯއަށް ގެއްލުމުގެ ބިރު ވެސް އެބައޮތެވެ.
ނަމަވެސް ރޮނަލްޑޯގެ ފޭނުން އުއްމީދު ކުރަނީ ރޮނާލްޑޯ ވޯލްޑްކަޕުން ފެނުމެވެ.
ޕީއެންސީގެ ޖަލްސާ އޮތުމުން ސަލަފުގެ ދަރުސް ފަސްކޮށްފި
ބީއެމްއެލް މެދުވެރިކޮށް 3000 ފްލެޓް އަޅަން ބިން ހަވާލުކޮށްފި
ނިދާ ހޭލާއިރު މޫޑު ގޯސްކޮށް ހުންނަނީ މިހެންވެ ކަމަށް ވެދާނެ!