ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވާހިދު ދިރިއުޅުއްވާ ތަނެއް ނޭނގުމުން، އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެން މަސައްކަތް ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ އަލީގެ މައްޗަށް ދައުވާކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ބޭރަށް ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.
ހައިކޯޓުން އެގޮތަށް އަމަލު ކުރީ އަލީ މިހާރު ދިރިއުޅޭ އެޑްރެސް ދައުލަތަށް ބުނެދެވިފައި ނުވާތީ ކޯޓުގެ ޗިޓް ރައްދު ނުކުރެވިގެންނެވެ.
ޝަމީމް ވިދާޅުވީ ހައި ކޯޓުންގެ އެ ނިންމުމަކީ އެފަދަ ހާލަތްތަކުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.
"އެކަމާ ގުޅިގެން ހުރޭ ހައިކޯޓުގެ ގަވާއިދުގައިވެސް އަދި ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވައިދުގައިވެސް އުސޫލުތަކެއް. އެއީ މީހާކު ކޯޓަށް ހާޒިރު ނުވިއްޏާ އަމުރެއް ނެރެގެން ބަންދުގައި ބަހައްޓައިގެން އެ މީހަކު ކޯޓަށް ހާޒިރުކުރުން.އެ ޕްރޮސެސް ހިންގަވާފައި ނެތް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ ހައިކޯޓުން މައްސަލަ ނިންމިއިރު،" އޭނާ ވިދާޅުވި އެވެ.
ޝަމީމު އިތުރަށް ވިދާޅުވީ އަލީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ އެޑްރެސް ނޭނގިގެން ކޯޓަށް ހާޒިރު ނުކުރެވޭނަމަ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ނަމަވެސް ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަލީ ފުރައިގެން ދިޔައީ ދައުވާ ކޮށްފައިވަނިކޮށް ކަމަށްވާތީ މައްސަލަ ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝަމީމު ވަނީ ދެއްވައިފަ އެވެ.
"އަމުރު ނެރޭއިރު ހަމައެކަނި އަޅުގަނޑުމެން ރާއްޖެއަކު ނޫން އަމުރު ނެރެވޭނީކީ. އިންޓަޕޯލް ރެޑްނޯޓިސްއާއި އެކަހަލަ ބައިވަރު އިންޓަނޭޝަނަލް ކަންކަން އެބަހުރި އަޅުގަނޑުމެންނަށް ކުރެން،" ޝަމީމު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ އަލީގެ މައްޗަށް ހަތް ދައުވާއެއް އުފުލާފަ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނިކޮށް އަލީ ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމަށް ކޯޓުން ހުއްދަ ދިނީ އޭނާގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދަވަންޖެހޭ ކަމަށް ވިދާޅުވެ ޑރ. ޔޫސުފް ޝާން ދެއްވި ހެކިބަހަށް ބެއްލެވުމަށްފަހު އެވެ.
ކޯޓުން އަލީއަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނީ ހަތަރު މަސް ތެރޭގައި އޭނާ އެނބުރި ރާއްޖެ ވަޑައިގަތުމަށް އެއްބަސްވެވަޑައިގަތުމުން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ އެ މައްސަލަ އަށް ޖާމިނުވުމުންނެވެ.