އަހަރުތައް ފާއިތުވަމުންދާއިރު އަހަރުމެންގެ ދިރިއުޅުމަށް ވެސް ދަނީ ބޮޑު ބަދަލުތަކެއް އަންނަމުންނެވެ. އެދެވޭ ބަދަލުތަކާއި ނޭދެވޭ ބަދަލުތަކެވެ. އެގޮތުން މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާލަމާ ހެއްޔެވެ؟
ރޯދަމަހަކީ އަހަރުމެންނަށް އަންނަ އާއިލީ އީދެކޭ ބުނެވިދާނެ އެވެ. އާއިލާއާ އެކު ހޭދަކުރާ ވަގުތުތަކުން ލޭގެ ގުޅުން ބަދަހިވެ ހިތުގެ ގުޅުންތައް ވަރުގަދަވެ އެވެ. ދޮށްޓެއް، ހަގެއް ކުޑައެއް، ބޮޑެއް، ނެތި ބައިވެރިވެ ކުރިއަށްދާ ރޯދަ ކުރުކުރުމުގެ ހަރަކާތްތަކުން އެކަން އެނގެ އެވެ.
ކާފަމެންނާއެކު ޖަހާލާ ތާސްގަނޑަކުން ނުވަތަ ރާޒުވާ ގަނޑަކުން ހިތަށް ހަމަޖެހުން ލިބެ އެވެ. ކޮއްކޮމެންނާއެކު ހަވީރު ފިންޏަށް ގުޑި އަރުވަން ދިއުމަކީ ލިބޭ އުފަލެކެވެ. މަންމަމެންނަށް ބަދިގޭގައި ކުޑަ ނަމަވެސް އެހީއެއް ވުމަކީ ރޯދަމަހުގެ ރޫހު އާލާވާ ކަމެކެވެ. މުޅި އާއިލާ އެއްވެ ބައިވެރިވާ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާތްތަކުން އަރާ ފޯރި އެފަދަ ދެވަނަ އެއް ނެތެވެ.
ނަމަވެސް މިއަދުގެ ހާލަތަކީތޯ އެވެ؟ މުސްކުޅި ކާފަ މިސްކިތުން ގެއަށް އައުމާއެކު ހޭދަކުރަން ޖެހެނީ އެކަނިވެރި ވަގުތުތަކެކެވެ. ކޮއްކޮމެން އުޅެނީ ޓެބްލެޓާއި ފޯނުން ސަލާމަތް ނުވެވިގެންނެވެ. މަންމަމެން ބަދިގޭގައި ރޯދަ ވީއްލުން ތައްޔާރު ކުރުމުން ފުރުސަތެއް ނުލިބި އުޅެނިކޮށް އޮންނަނީ ބަންގި ގޮވަންވެފަ އެވެ. އާއިލީ ބަދަހިކަން ގެއްލި ހިނގައްޖެ އެވެ. މިއަދު އެއްފުރާޅެއްގެ ދަށުގައި އުޅުނަސް ގިނަ އާއިލާތަކުގެ ހާލަކީ މިއީ އެވެ.
އަޅުގަނޑުމެންނަށް މިވީ ކިހިނެއް ހެއްޔެވެ؟ ރޯދަމަހުގެ ރޫހާއި ޖޯޝަށް މިހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ ޓެކްނޮލޮޖީއަކީ ދުރުގައި ތިބޭ މީހުން ގާތްކޮށްދީ ގާތުގައި ތިބޭ މީހުން ދުރުކޮށްދޭ އެއްޗެކޭ ބުނާ އަޑު އިވެ އެވެ.
ފަހަރުގައި ތެދަކަށް ވެދާނެ އެވެ. އެނގޭ އައްޗަކީ، ފެންނަން އޮތް ހަގީގަތަކީ އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ރޯދަމަހުގެ ރޫޙު މަޑުމަޑުން ފަނޑުވަމުންދާ ކަމެވެ.
މިއަދު އަހަރުމެން އެންމެން ވެސް އަޒުމެއް ކަނޑައަޅަމާ ހެއްޔެވެ؟ ނެތެމުންދާ ރީތި އާދަތައް ދިރުވާ އާލާ ކުރަމާ ހެއްޔެވެ؟ ރަމަޟާން މަހުގެ ރޫހު އަޅުގަނޑުމެންގެ ހިތުގައި އާއި އާއިލާގެ މެދުގައި އަލުން އިޔާދަ ކުރަމާ ހެއްޔެވެ؟