މ. ދިއްގަރުގައި މި ސަރުކާރުން އަޅަން ނިންމި 30 އެނދުގެ ހޮސްޕިޓަލް ނާޅަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ދިއްގަރުގައި ހޮސްޕިޓަލް އެޅުމަށް 105 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން އެ ދުވަހު އިއުލާންކުރި އެވެ.

އެ ދުވަހު ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ދިއްގަރުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލާ އެކު މ. އަތޮޅުގެ ސިއްހީ ދާއިރާއަށް ރަނގަޅު، ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއަކީ އަސާސީ ކަންކަން ކުރިއެރުވުމަށް ރައީސް ކުރިއަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ހޮސްޕިޓަލެއް އަޅާނެ ކަމުގެ ހުވަފެންތައް ދެއްކުމަށްފަހު ސަރުކާރުން މިއަދު ވަނީ އެ ހޮސްޕިޓަލް ނާޅަން ނިންމާފަ އެވެ.

ހޮސްޕިޓަލް އެޅުމުގެ ބަދަލުގައި އެ ރަށު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރަން މިއަދު ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

އެ މަސައްކަތް ހަވާލުކުރީ ނިއު ހިޔާ މޯލްޑިވްސް ނަކަމަށް ކިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތަށް ހަރަދުވާ ފައިސާގެ އަދަދާއި އެ މަޝްރޫއުގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.