ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެފައިވާތީ، އެކަން ހައްލުކުރުމުގެ ގޮތުން އެ ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފިއެވެ.
ވަގަށް ތެޔޮ ވިއްކުމުގެ އެތައް މައްސަލައެއް މީގެ ކުރިންވެސް ފެންމަތިވެފައިވާ އެފްއެސްއެމްގެ ބާޖުތަކުގައި މަސައްކަތް ކުރާ މީހުން މުސާރައާއި ނުބައްދަލު އެތައް ނުހައްގު މުއްސަނދި ކަމެއް ހޯދާ ކަމުގެ ތުހުމަތު ތައް އަންނަނީ ކުރަމުންނެވެ.
ގިނަ ޒަމާންތަކެއް ވެފައިވާ މި މައްސަލައަށް އަދިވެސް ހައްލެއް ލިބިފައިނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވީ ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ މިހާރު ބޮޑުވެފައިވާ ކަމަށެވެ. އެފަދަ މައްސަލަތައް އިތުރުވެފައިވާތީ މިފަހުން ދެ ބާޖެއްގެ ހުރިހާ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޝާން ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއް ވަނީ ފަށައިފައެވެ. މި މަސައްކަތުގެ ތެރެއިން ސީސީޓީވީއާއެކު ވަގުތުން މަންޒަރުތައް ބަލައިލެވޭނެ 'މޮޑަމް'އެއް ވެސް ހަރުކުރާނެކަން އޭނާ ފާހަގަކުރެެއްވި އެވެ.
އާޝާން ވިދާޅުވި ގޮތުގައި މިހާރު ވެސް އެ ކުންފުނީގެ ދެ ބާޖެއްގައި ވަނީ މޮޑަމް ހަރުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ބާޖުތަކުގައި ވެސް ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތެޔޮ ބާޖުތަކުގައި ސީސީޓީވީ ހަރުކުރުމުގެ އިތުރުން އެ މައްސަލަ ހައްލުކުރުމަށް ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ކޮންމެ ތިން މަހަކުން ބަދަލުކުރުމަށް ނިންމާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަގަށް ތެޔޮ ވިއްކުމުގެ ތާރީހެއް އެބައޮތްކަން ފާހަގަކުރައްވައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ އެފްއެސްއެމްގެ ތެރޭގައި އެކަން ކިހާ މިންވަރަކަށް ހިނގާތޯ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އާޝާން ވިދާޅުވީ އެފްއެސްއެމްގެ ތެރެއިން އެކަން ހިނގާ ވަރެއް ސީދާ ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ވަރަށް ކައިރިން އެކަންކަން ބަލަމުން އައިއިރު ބައެއް ބާޖުތަކުގައި އެ މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެގޮތަށް އެކަން ވަނީ މިހާތަނަށް އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތުމުންކަން އޭނާ ފާހަގަކުރެއްވި އެވެ.
އާޝާން ވަނީ އެ މައްސަލަ ކުރިއަށް އޮތްތަނުގައި ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ސީރިއަސްކަމާއެކު ބަލާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ވެސް މެއެވެ.
އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް މަނީ ލޯންޑާކުރި މައްސަލައެއް މިދިޔަ އަހަރު ފެންމަތިވި އެވެ. އެ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިންނާއި ގިނަ މުވައްޒަފުންތަކެއް އޭރުވެސް ވަކިކުރި އެވެ.
ހައިބަނޑާ ކަދުރު ކެއުމުގެ ގިނަ ފައިދާތަކެއް!
މޭޔަރު ކަމަށް އެމްޑީޕީން 2 އާޒިމް ގަދަހިފުމަކަށް
މުވައްޒަފުންނަށް ފިޔަވަޅު އަޅާތީ ސިޔާސީން ގުޅާކަން ނުޖެހޭނެ