އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. ބިރު ގަންނަ ކަންކަމާއި ކުރަން ނުކުރެވޭ ކަންކަން ވެސް ދިރިއުޅުމުގައި ހުރެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ފަންނާނުން ވެސް އިސްތިސްނާއެއް ނުވެ އެވެ.

މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"އިން އާއްމުންގެ މަގުބޫލުކަން ހޯދި ޖެނިފާ އެނިސްޓަންއަކީ އޭނާގެ ދިރިއުޅުމުގެ ކަންކަން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ހިއްސާކުރާ ފަންނާނެކެވެ. އެގޮތުން އޭނާ ވަނީ އޭނާ އެންމެ ބިރުގަންނަ ކަންތަކުގެ ވާހަކަ ވެސް ކިޔައިދީފަ އެވެ.

މީގެ ކުރިން އިންޓަވިއުއެއްގައި ޖެނިފާ ވަނީ ވައިގެ ދަތުރު ކުރުމުގައި އޭނާއަށް ކުރިމަތިވާ ނުތަނަވަސްކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ޖެނިފާ ބުނީ އެކަން ހައްލު ކުރުމަށްޓަކައި ތެރަޕީ ނަގަމުން އަންނަ ކަމަށާއި އޭނާގެ ހާލަތު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ.

އެގޮތުން ވައިގެ ދަތުރުފަތުރުތަކާ ބެހޭގޮތުން އޭނާ ގަބޫލުކުރި ފުލޯކު ވާހަކަތައް ހިތުން ނެރެ އެކަންކަމާ މެދު ނުވިސްނަން އެ ތެރަޕީގައި ދަސްވި ކަމަށާއި އެކަމުން ވެސް ބޮޑު އެހީއެއް ލިބުނު ކަމަށް ޖެނިފާ ބުންޏެވެ.

"އަހަރެން ކުރިން މަތިންދާ ބޯޓަކަށް އަރަނީ ވަކި ގޮތަކަށް، ނުކުންނަނީ ވަކި ގޮތަކަށް. މިހާރު އެގޮތަށް ކަންތައް ނުކުރާތީ ތަފާތު ފެނޭ،" އޭނާ ބުންޏެވެ.

ޖެނިފާ އާއްމުންގެ މަގުބޫލުކަން ހޯދާފައިވަނީ 1994 ން 2004 ވަނަ އަހަރާ ހަމައަށް ކުރިއަށް ދިޔަ ސީރީޒް "ފްރެންޑްސް"ގައި އޭނާ ދައްކުވައިދިން ރޯލުންނެވެ.