އޮންލައިން ސްކޭމްކުރާ މީހުންނަށް، މަދުވެގެން ހަ ފަހަރު އެއްތެލުން ޖެހުމުގެ އަދަބު ތައާރަފްކުރާނެ ކަމަށް، ސިންގަޕޫރުގެ ގާނޫނު ހަދާ މަޖިލީހުގައި ވަޒީރަކު ވިދާޅުވެއްޖެ އެވެ.
ސްކޭމުގެ ވަބާ އަކީ މިއަދު މުޅި ދުނިޔޭގައި ވެސް ބޮޑު ވަބާއަކަށް ވެފައިވާއިރު، ސިންގަޕޫރުގައި ވެސް ސްކޭމްގެ ވަބާ ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އަދި ސިންގަޕޫރުގައި، ސްކޭމަރުންގެ މަޅީގައި ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވެ އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ސިންގަޕޫރުގެ ސީނިއާ ސްޓޭޓް ފޯ ހޯމް އެފެއާޒް، ސިމް އެން ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ ހަމައަށް 2.8 ބިލިއަން ޑޮލަރު ސްކޭމަރުންގެ ސަބަބުން ގެއްލިފައިވެ އެވެ.
މި މުއްދަތުގައި ސްކޭމްގެ 190،000 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްކޭމްކުރާ މީހުންގެ ގައިގައި އެއްތެލުން ތެޅުން ތައާރަފްކުރާނަން،" ސިންގަޕޫރުގެ ޖިނާއީ އިޖުރާއަތަށް އިސްލާހު ގެނައުމުގެ ބިލްގެ ދެ ވަނަ ކިޔުމުގައި ސިމް ވިދާޅުވި އެވެ.
ސްކޭމްތައް ހިންގާ މީހުންނަށް، ހާއްސަކޮށް، ރިމޯޓް ކޮމިއުނިކޭޝަންގެ ޒަރީއާއިން މީހުންނަށް ހީލަތް ހަދާ މީހުންގެ ގައިގައި، މަދުވެގެން ހަ ފަހަރު ޖެހުމުގެ އަދަބު ކަނޑައަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސިންގަޕޫރުގައި މި އަދަބު ދިނުމަށް ތަޅަން ގެންގުޅެނީ ދިގުމިނުގައި 120 ސެންޓިމީޓަރު އަދި ފުޅާމިނުގައި 13 މިލިމީޓަރު ހުންނަ، ވަރަށް އިލާސްޓިކް އެއްޗެކެވެ. މިއިން ޖަހަން އާންމު ގޮތެއްގައި، ގަޑިއިރު 160 ކިލޯމީޓަރު ބާރުމިން ހުންނަ ވަރަށް ހޫރާލަ އެވެ. މި ބާރުމިނުގައި ތިން ފަހަރު ޖަހާއިރު ހަންގަނޑު ކަނޑައިގެންދެ އެވެ. ޖެހޭ ތަން ފިސްވުން ކުޑަކުރުމަށް، ހަންގަނޑު ހުންނަނީ ތެންމާފަ އެވެ.
އޭނާ ވިދާޅުވީ ސްކޭމްކޮށްގެން ނާޖާއިޒް ގޮތުގައި މަންފާ ހޯދުމަށް ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބައެއް މީހުން މިކަން ކުރަމުން ގެންދާ ކަމަށެވެ. މިކަން ރާވައި ހިންގާ މީހުންގެ އިތުރުން މި އަމަލުތައް ހިންގުމަށް މީހުން ރެކްރޫޓްކުރާ މީހުންނާއި ބައިވެރިވާ އެންމެންނަށް ވެސް އެއްތެލުން ތެޅުމުގެ އަދަބު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޭމްގެ މައްސަލަ ބޮޑުވެ މިފަދަ މައްސަލަތަކަށް ހާއްސަކޮށް ހޮޓްލައިންތަކާއި އެޕްލިކޭޝަންތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް އެ ގައުމުގައި އަންނަނީ ހިންގަމުންނެވެ.
މިދިޔަ އަހަރު، އޭރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް ވަނީ އޭނާ އޮންލައިންކޮށް ބައްލަވައިގަތް އެއްޗެއް ވެސް ނުލިބި ސްކޭމެއްގައި ލަނޑު ލިބުނު ކަމަށް ވިދާޅުވެފަ އެވެ.
އެކި ރަހަތަކުގެ ސައިތަކާއި އޭގެ ތަފާތު ފައިދާތައް!
ޖަސްޓިން ހުށައެޅި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި
ޝާހުގެ އުފަން ދުވަހު އޭނާ ނުފެނުނީ ކީއްވެ؟