ސައަކީ އަހަރުމެން ދިވެހިންގެ ތެރޭގައި މަގުބޫލު ބުއިމެކެވެ. ސައިތަށްޓަކާ ނުލާ ގިނަ ދިވެހިންގެ ދުވަސް ފުރިހަމަނުވާ ކަމަށް ބުނުމަކުން ވެސް ދޮގަކަށް ނުވާނެ އެވެ.

ސައަކީ އެކި ރަހަތަކާއެކު ތައްޔާރު ކުރެވޭ ތަފާތު ވައްތަރުތައް ހިމެނޭ ބުއިމަކަށްވާއިރު އެއިން ކޮންމެ ވައްތަރަކުން ވެސް ސިއްހަތަށް ތަފާތު ފައިދާތައް ކުރުވަ އެވެ.

ސައިމާ ސައި

ސައިމަލުން ތައްޔާރު ކުރެވޭ ސައަކީ ލޭ މައްޗަށް ދިއުމަށް އޮތް ހައްލެއް ކަމަށް ސައިންސްވެރިންނާއި ސިއްހީ މާހިރުން ވެސް ވަނީ ހާމަކޮށްފަ އެވެ.

ފޮނިތޮށި ސައި

ސިނަމަން ޓީ ނުވަތަ ފޮނިތޮށިން ތައްޔާރު ކުރެވޭ ސައިން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދޭއިރު މިއީ ހަކުރުބަލި ހުންނަ މީހުންނަށް ރަނގަޅު ބުއިމެކެވެ.

ގްރީން ޓީ

ގްރީން ޓީއަކީ އަހަރުމެންނަށް އާ އެއްޗެއް ނޫނެވެ. ގްރީން ޓީއިން ލިބޭ ފައިދާތައް އެކި ގޮތްގޮތަށް އަޑު އިވިފައިވާއިރު ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދިނުމަކީ އެއިން ލިބޭ އެންމެ ބޮޑު އެއް ފައިދާ އެވެ.

ރީނދޫ ސައި

ރީނދޫ ސައިގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ހިފުމަށް މަގުފަހި ކުރުވާ ޓްރިގްލައިސެރައިޑްސް މަދުކޮށްދީ އޭގެ ބާރު ކަނޑުވާލަ އެވެ. ނަތީޖާއަކަށްވަނީ ސަރުބީ ޖެހުމުން ދުރުވުމެވެ.

އިނގުރު ސައި

އިނގުރު ސައަކީ ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން ހުއްޓުވައި އޭގެ ސަބަބުން ކުރިމަތިވާ އިންފެކްޝންތަކުން ދުރުކޮށްދޭ ގުދުރަތީ ބުއިމެކެވެ.