ނޮވެމްބަރު 3 1988ގެ ޒުވާން ބަތަލް ޝަހީދު ހުސައިން އާދަމްގެ އެދުވަހުގެ ޒިކުރާ ދިވެހި ފަސްގަނޑުގައި އަބަދުމެ އާވަމުންދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ނިރުބަވެރިން ދިވެހިރާއްޖޭގެ ސިފައިންގެ މަރުކަޒުގެ މައިގޭޓުން ވަނަނުދީ ދިފާއުކުރެއްވުމުގައި ޝަހީދުވި ބަތަލު ޝަހީދު ހުސައިން އާދަމް ދެއްކެވި ސާބިތުކަމާއި ހިތްވަރާއި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ ގެ ހަނދާން އަބަދުގެ އަބަދަށް ދިވެހި މިބިމުގައި ތަކުރާރުވެ، ޒިކުރާ ވެވެމުންދާނެ ކަމަށެވެ.

ޝާހިދު ވަނީ އެ ބިރުވެރި ނާމާން ދުވަހު މި ލޮބުވެތި ގައުމުގެ ދިފާއުގައި ހިތްވަރުގަދަ ދިވެހި ސިފައިން ސާބިތުކަމާއެކު ކުރެއްވި އަގުހުރި ޖިހާދުގެ ހަނދާން އާކޮށް އައްސަރިބަހާއި ސާބަސް ދަންނަވައި، ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަ ކަމާއި، ހިތްވަރާއެކު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އަދި ޝާހިދު ވަނީ ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އެންމެ އެކުވެރި އަވަށްޓެރި އިންޑިޔާގެ ސަރުކާރުންދެއްވި އަވަސް އިޖާބައަށާއި، ވެދެއްވި ދީލަތި އެހީތެރިކަމަށް އިންޑިއާ ސަރުކާރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 3 ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދިވެހިންގެ ބަޔަކު ތަމަޅައިންގެ ބަޔަކާ ގުޅިގެން ރައްޖޭގެ ވެރިކަން ފުރޮޅާލުމަށް ކުރި މަސައްކަތް ދިވެހިންނަށް ކާމިޔާބުވި ދުވަހެއްގެ ގޮތުގަ އެވެ.