މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރު ތަމަޅަ ޓައިގަރުންނާ އެކުވެގެން ދިވެހިންގެ މަދު ބަޔަކު ދިވެހި ސަރުކާރާ ތޮޅެން ކުރި މަސައްކަތް ނާކާމިޔާބުވި ދުވަސް ފާހަގަ ކުރާ ދުވަހެކެވެ.

އެ ދުވަހުގެ އެ ހާދިސާއަކީ ބައިނަލްއަގުވާމީ މައިދާނުގައި ވެސް ބޮޑު ސަމާލުކަމެއް ލިބުނު ހާދިސާއަކަށްވާއިރު އެ ދުވަހު ދިވެހި ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ގައުމަކީ އަވަށްޓެރި އިންޑިއާ އެވެ.

އޮޕަރޭޝަން ކެކްޓަސްގެ ނަމުގައި ދިވެހި ސިފައިންނާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ހިންގި އޮޕަރޭޝަންގެ މައްޗަށް ބޮލީވުޑް ފިލްމެއް ވެސް ވަނީ އުފައްދަން ފަށާފަ އެވެ.

"ދަ ބުލް"ގެ ނަމުގައި އުފައްދާ އެ ފިލްމަކީ އޮޕަރޭޝަން ކެކްޓަސްގެ އެއް ކޮމާންޑަރު ކަމަށްވާ ބްރިގޭޑިއާ ފާރޫގް ބަލްސަރާގެ ހަޔާތް ދައްކުވައިދޭ ފިލްމެކެވެ.

ހަބަރުތައް ބުނާ ގޮތުގައި ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ މަސައްކަތް މިވަގުތު އޮތީ ހުއްޓިފަ އެވެ. ސަބަބެއް ކަމުގައި ބުނެވެނީ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ދަރްމާ ޕްރޮޑަކްޝަންސްގެ މާލީ ހާލަތެވެ.

މި ފިލްމުގެ ބައެއް މަސައްކަތްތައް ނިމިފައިވާއިރު އަންނަން އޮތް އަހަރު ފިލްމުގެ މަސައްކަތް އަލުން ފެށޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.