ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފްއާއި އޭނާގެ ފިރިމީހާ ވިކީ ކައުޝަލްއަކީ އެމީހުންގެ ޒާތީ ދިރިއުޅުން ވަރަށް ސިއްރުކޮށްގެން އުޅޭ ބައެކެވެ. ދާދި ފަހުން އެދެމަފިރިން ވަނީ އެ މީހުންނަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފަ އެވެ.

މި އިއުލާނާއެކު ކެޓްރީނާގެ ފެނިލުންތައް ބޭރުތެރެއިން މަދުވިއިރު މާބަނޑު ދުވަސްވަރު މީޑިއާއާ ދުރުގައި އުޅުމަށް ކެޓްރީނާ ބޭނުންވާކަން އެނގުނެވެ. އެހެން ނަމަވެސް ދާދި ފަހުން މިވަނީ ކެޓްރީނާ އޭނާގެ ގޭތެރޭގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކުވެފަ އެވެ.

މީގެ ދެ ދުވަހެއް ވަރު ކުރިން ސޯޝަލް މީޑިއާއަށް އާއްމުވި އެ ފޮޓޯތަކަކީ މުމްބާއީގެ ބެންޑްރާގައި ހުންނަ ކެޓްރީނާގެ އެޕާޓްމަންޓްގެ ބެލްކަންޏަށް އޭނާ ނުކުތް ވަގުތު ނަގާފައިވާ ފޮޓޯތަކެކެވެ.

ކެޓްރީނާ

އެ ފޮޓޯތަކުގައި ކެޓްރީނާ ފިޔާތޮށި ކުލައިގެ ހެދުމެއް ލައިގެން ހުރިއިރު އޭނާ އިނީ ވަރަށް އަވަހަށް ވިހަން ތައްޔާރު ވެފައިވާކަން އެނގެ އެވެ.

މި ފޮޓޯތައް ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު ވަނީ އެކަން ކުރި މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފަ އެވެ. އެގޮތުން ކެޓްރީނާގެ ރުހުމާނުލާ އޭނާގެ ފޮޓޯތައް ނެގުމުން ގިނަ ބަޔަކު ނުރުހުން ވެސް ފާޅުކުރި އެވެ.

އެ ފޮޓޯތަކަށް ކޮމެންޓް ކުރަމުން އެކްޓަރު ސޮނާކްޝީ ސިންހާ ވެސް ވަނީ އެއީ ޒާތީ މަސްލަހަތަށް އަރައިގަތުން ކަމުގައި ސިފަކޮށްފަ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ކެޓްރީނާއާއި ވިކީއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން ހާމަކުރީ މިދިޔަ މަހު އެ ދެމީހުން އެކުގައި ކުރި އިންސްޓަގްރާމް ޕޯސްޓަކުންނެވެ.