ދާދި ފަހުން ބޭއްވި ފިލްމްފެއާ އެވޯޑްސްގައި އެކްޓަރު އަބީޝޭކް ބައްޗަންއަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑް އޭނާ ގަތީ ކަމަށް ކުރެވޭ ތުހުމަތުތަކަށް އަބީޝޭކް ރައްދުދީފި އެވެ.

އަބީޝޭކްއަށް ލިބުނު އެވޯޑްއާ ބެހޭގޮތުން އެކްސްގައި ކުރި ޓްވީޓެއްގައި ނޫސްވެރިޔަކު ބުނެފައިވަނީ އަބީޝޭކަށް އެ އެވޯޑު ލިބުމަކީ ބޮލީވުޑްގައި އެވޯޑްތައް ގަނެވިއްކޭ ކަމުގެ ސާފު ހެއްކެއް ކަމަށެވެ.

"ކިތަންމެ މޮޅަސް ކެރިއަރުގައި ކާމިޔާބު އެންމެ ފިލްމެއް ވެސް ނެތި އޭނާއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުމަކީ އެވޯޑްތަކަކީ ގަނެވޭ އެއްޗެއް ކަމުގެ ހެއްކެއް" އެ ނޫސްވެރިޔާ ބުނެފައިވެ އެވެ.

އެ ޕޯސްޓަށް ރައްދު ދެމުން އަބީޝޭކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެެވޯޑް ހޯދަން އޭނާ ބޭނުންކުރި ފައިސާ ނޫން ކަމަށާއި ގަދަ ހިތްވަރާއި މަސައްކަތް ކަމަށެވެ.

އެހެން ނަމަވެސް އޭނާ ދައްކާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށާއި އެހެން ކަމުން އެންމެ މޮޅު ގޮތަކީ އެއްވެސް އެއްޗެއް ނުބުނުން ކަމަށް ވެސް އަބީޝޭކް ބުނެފައިވެ އެވެ.

މިދިޔަ މަހު ބޭއްވި ފިލްމް ފެއާ އެވޯޑްސްގައި އަބީޝޭކްއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ "އައި ވޯންޓް ޓު ޓޯކް"ގައި އޭނާ ދައްކުވައިދިން ރޯލަށެވެ.

ބޮލީވުޑްގެ ސުޕަސްޓާރެއްގެ ގޮތުގައި ބެލެވޭ އަމީތާބް ބައްޗަންގެ ދަރިއެއްގެ ގޮތުގައި އަބީޝޭކްއަށް އޭނާގެ ކެރިއަރުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އޭނާއަކީ ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ އެކްޓަރެކެވެ.