ރައީސް ޑރ. މުޙައްމަދު މުއިއްޒު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސަކަށް، އެ ކޮމިޝަނަށް ދެވަނަ ދައުރަކަށް އައްޔަނުކުރި ޝުއައިބު އަބްދުއްރަޙުމާން އައްޔަން ކުރައްވައިފި އެވެ.

ނަމެއްގައި އުފައްދައި، ބޮޑު ހަރަދެއް ހިންގާ ކޮމިޝަންގެ ރައީސްގެ މަގާމަށް ޝުއައިބު އައްޔަން ކުރެއްވީ، އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި ގާސިމް ޢަބްދުލް ކަރީމްގެ ދައުރު އިއްޔެ ހަމަވުމާ ގުޅިގެންނެވެ. ކުރިން އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަދައްކައި އުޅުއްވި ޝުއައިބު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖޭއެސްސީގެ މެމްބަރަކަށް ވެސް އުޅުއްވި އެވެ.

ގާސިމްގެ އިތުރަށް ތިން މެންބަރުންގެ ދައުރު ވެސް އާދިއްތަ ދުވަހަށް ހަމަވެފައި ވަނީ ނައިބު ރައީސް އާސިޔަތު ޝިއުނާ އާއި ޝުއައިބް އާއި މެންބަރު އައިމިނަތު ޝާދިޔާ އެވެ.

އޭގެ ފަހުން، ރައީސް ވަނީ ޝުއައިބު ހިމެނޭހެން އިތުރު ހަތަރު މެންބަރުން އެންއައިސީއަށް އާދިއްތަ ދުވަހު އައްޔަނުކުރައްވައިފަ އެވެ.

އެންއައިސީއަށް އައްޔަނު ކުރީ ޝިފާޒު އަލީއާއި އަލީ މުޙައްމަދު މަނިކުގެ އިތުރަށް ފާތިމަތު ޝަރީފެވެ.

ކޮމިޝަންގައި ދެން އިންނަވަނީ މަރިޔަމް އިންޝާ ފައިސަލެވެ. އޭނާ އެ ކޮމިޝަނަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 16 ގަ އެވެ.

ރައީސް އޮފީހުން ހޯމަ ދުވަހު ބުނީ، ރައީސް މުއިއްޒު، އެންއައިސީގެ ރައީސަކަށް ޝުއައިބު އައްޔަން ކުރައްވާފައިވާ ކަމަށެވެ. އެއީ، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ ދަށުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

އިންޓެގްރިޓީ ކޮމިޝަންގެ މަސްއޫލިއްޔަތަކީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ޚިލާފު ކަންކަން ބަލައި ތަހުގީގުކޮށް، ފިޔަވަޅު އެޅުމެވެ. ނަމަވެސް ދައުލަތުގެ ތަންފީޒީ އިދާރާތަކުގައި އިންތިހާއަށް ވައްކަމާއި ކޮރަޕްޝަން އިތުރުވެފައިވާއިރު އެ ކޮމިޝަނަށް މިހާތަނަށް މާބޮޑު ކަމެއް ކުރެވިފައެއް ނުވެ އެވެ. އަދި އެ ކޮމިޝަނުން ކުރާ މަސައްކަތުގެ މައުލޫމާތެއް ވެސް މީޑިއާއަށް އާއްމުކޮށް ނޫޅެ އެވެ.