ގާނޫނާ ހިލާފަށް ވެހިކަލް ރެޖިސްޓްރީ ކޮށްދޭން މަޖިލިސް މެންބަރުން އެދޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ގާނޫނާ ހިލާފަށް އެއްވެސް ވެހިކަލްއެއް މިހާރު ރެޖިސްޓްރީ ކޮށްނުދޭ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ގާނޫނީ ޒިންމާ މި ސަރުކާރުން ވަރަށް ރަނގަޅަށް އުފުލާފައި އޮންނަ ކަމަށާއި އެގޮތުން މިހާރު ގާނޫނާ އެއްގޮތަށް ނޫނީ އެއްވެސް ވެހިކަލް ރެޖިސްޓްރީއެއް ނުކުރެވޭނެ ކަމަށެވެ.
މަޖިލިސް މެމްބަރުންނަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިވަގުތު މަޖިލީހުގައި ތިބި ވަރަށް ގިނަ މެމްބަރުން ވެސް އޮންނަ އުސޫލާއި ހިލާފަށް، ގާނޫނުން ބޭރުން ވެހިކަލް ރެޖިސްޓްރީ ކުރަން އެދެމުންގެންދާ ކަމަށެވެ. އެހެން ނަމަވެ އެގޮތަށް އަމަލު ކުރައްވާފައި ނުވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ޒިންމާ އަޅުގަނޑުމެން ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ރަނގަޅަށް އުފުލާފައި އޮންނާނީ، ފެނިވަޑައިގަންނަވާނެ މިހާރު ގާނޫނާ އެއްގޮތަށް ނޫނިއްޔާމުން ވެހިކަލް ރެޖިސްޓްރީއެއް ނުކުރެވޭނެ. ތީގެ ތެރެއިން ވެސް ހަމަ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑު ކައިރީގައި ރިކުއެސްޓް ކުރީމާ އަޅުގަނޑު ހަމަ އަރުވާ ޖަވާބަކީ ނުވާނެޔޭ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުން ބޭރުން ރެޖިސްޓްރޭޝަންގެ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ވެހިކަލްތައް އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ރެޖިސްޓްރީ ކުރާނެ ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ ވެހިކަލް އެތެރެ ނުކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހު ކޮށްފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތައް ކުންފުނިތަކުގެ ނަމުގައި ރެޖިސްޓްރީ ނުކުރެވޭ ގޮތަށް ވެސް ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދެ ފުރޮޅުލީ އުޅަނދު އެތެރެކުރުމާއި ރެޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކެއް ވެސް މަހެއްހާ ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ސޮނާކްޝީއާއެކު މަސައްކަތް ކުރަން ރަންބީރު ދެކޮޅުހެދި ސަބަބު!
ޓެކްސީ ލައިންގެ ހިދުމަތް އަންނަ އަހަރަށް ފަސްކޮށްފި
އޮޅުވެލިފުށީ ކަރަންޓުގެ މައްސަލަ ބޮޑުކަން އެނގުނީ ރަށަށް އެރުމުން