ދުރަށް އަޑު ނީވޭ ގޮތަށް މިސްކިތްތަކުގެ ބަންގީގެ އަޑު މަޑުކުރަނީ އިސްލާމިކް މިނިސްޓްރީން އަންގައިގެން އެ މިސްކިތަތްތަކަށް ހަމަޖައްސާފައި، ވަޒީފާ ދީފައި ތިބި މުދިމުން ކަމަށާއި އެއީ މާލޭ ސިޓީ ކައުންސިލުން ކުރާކަމެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު މިއަދު ވަނީ ހުޅުމާލޭ މިސްކިތްތަކުގެ ބަންގީގެ އަޑު މަޑުވުމުން އެކަން ފާހަގަކޮށް، އެކަން ރަނގަޅުކޮށްދެއްވުމަށް އިސްލާމިކް މިނިސްޓަރު ޝަހީމުގެ އަރިހުން އެދިފަ އެވެ.

ޝަމްހީދުގެ މި އެދުމަށް މިނިސްޓަރު ޝަހީމް ދެއްވީ ވަރަށް ހުތުރު އަދި ރުންކުރު ޖަވާބެކެވެ. ޝަހީމް ވިދާޅުވީ ހުޅުމާލެއާއި މާލޭގައި ހުރި މިސްކިތްތަކުގެ ސައުންޑް ސިސްޓަމްތަކާއި ކުޅެނީ މާލޭ ސިޓީ ކައުންސިލުންކަމަށެވެ. އަދި މިސްކިތްތަކުގެ ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން އަންގައިގެން ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިކަމަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ މިނިސްޓަރު ޝަހީމް އެ ވިދާޅުވީ ކަނޑައެޅީގެން ބޮޑު ގޮދެއް ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މިސްކިތްތަކުގެ ބަންގީގެ އަޑުމަޑު ކޮށް އެފަދަ އެއްވެސް ކަމެއް ސިޓީ ކައުންސިލުން ކޮށްފައި ނުވާނެ ކަމަށާއި މިސްކިތްތަކުގެ ބަންގީގެ އަޑު މަޑުކުރަނީ މިނިސްޓްރީން އަންގައިގެން މިސްކިތްތަކުން ވަޒީފާ ދީފައި ތިބި މުދިމުން ކަމަށެވެ.

އަދި މިސްކިތްތަކުން ވަޒީފާ ދީފައި ތިބި މުދިމުން އެކަން ކުރަނީ ސީދާ އިސްލާމިކް މިނިސްޓްރީން އަންގައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.