ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯންގެ ދަރިފުޅު ދުއާ ޕަދުކޯން ސިންހްގެ މޫނު ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.
ދުއާގެ މޫނު ދައްކާލާފައި މިވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގައި ފާހަގަކުރި ދިވާލީއާ ގުޅިގެން ރަންވީރުއާއި ދީޕިކާ އެމީހުންގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި އެ އާއިލާގެ ދެތިން ފޮޓޯއެއް ހިމަނާފައިވާއިރު ކޮންމެ ފޮޓޯއަކުން ވެސް ފެންނަނީ ރަންވީރުއާއި ދީޕިކާ ދުއާ އުރާލައިގެން ހުރި މަންޒަރެވެ.
ރަންވީރާއި ދީޕިކާގެ އެ ޕޯސްޓަށް ގިނަ އަދަދެއްގެ ކޮމެންޓްތަކާއި ޝެއާތައް ލިބިފައިވާއިރު ގިނަ ބަޔަކު އަންނަނީ ދުއާއާއި އޭނާގެ މަންމަގެ ކުޑައިރުގެ ފޮޓޯތަކާ އަޅާކިޔަމުންނެވެ.
އެގޮތުން ދީޕިކާ ކުޑައިރުގެ ފޮޓޯތަކާއި ދުއާއާ އެއްގޮތް ސިފަތަކެއް ހުރިކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. ހާއްސަކޮށް އެ ދެމައިންގެ ލޮލާއި ކޯމައްޗެވެ.
2018 ވަނަ އަހަރު ކައިވެނިކުރި ރަންވީރުއާއި ދީޕިކާއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.