މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު ދުވަހު، ދެ ޚުތުބާއެއް ނުކިޔައި ފޮރުވާފައި އޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ޝަހީމް ވިދާޅުވީ މިދިޔަ ސަރުކާރުގައި ދެ ޚުތުބާއެއް ނުކިޔަން ނިންމައި ފޮރުވާފައިވާ ކަމަށެވެ. އެއީ ރިބާގެ މައުޟޫއަށް އޮތް ޚުތުބާއެއްގެ އިތުރުން ވެރިމީހާގެ މަސްއޫލިއްޔާތު މި މައުޟޫއަށް އޮތް ޚުތުބާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަކު، ނުކިޔާ ބާއްވާފައި އޮތީ ކީއްވެ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ޝަހީމް ވިދާޅުވީ، ނުކިޔާ ބާއްވާފައި އޮތް އެއް ޚުތުބާއަކީ ރިބާއާ ގުޅޭ ޚުތުބާއެއް ކަމަށެވެ. އަދި، އަނެއް ޚުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ބެހޭ ޚުތުބާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ ޚުތުބާ ކިޔަން ޝެޑިއުލްކޮށްފައި އޮއްވާ މި ޚުތުބާތައް އޮތީ ނުކިޔާގޮތަށް ނިންމާފައި ފޮރުވާފައި،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، މި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ދެ ޚުތުބާ ވެސް ކިޔާފައިވާ ކަމަށެވެ.

"ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 2 ޚުތުބާއެއް އޮތް ފޮރުވާފައި. އެއް ޚުތުބާއަކީ ރިބާގެ ޚުތުބާ. އަނެއް ޚުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ޚުތުބާ. މީގެ ތެރެއިން އެއް ޚުތުބާ ލިޔުއްވީ އުސްތާޒު އިބްރާހިމް ރަޝީދު މޫސާ، އަނެއް ޚުތުބާ ލިޔުއްވި ބޭފުޅަކު އަޅުގަނޑު ސީދާ މިވަގުތު ހަނދާނެއް ނެތް. މި ޚުތުބާ ކިޔަން ޝެޑިއުލްކޮށްފައި އޮއްވާ ޚުތުބާތައް އޮތީ ނުކިޔާ ގޮތަށް ނިންމަވާ ފޮރުވާފައި. އޮއްވާ އަޅުގަނޑުމެން މިސަރުކާރުން މި ދެ ޚުތުބާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކިޔާފައި. އަޅުގަނޑުމެން ދެންނެވީ ދީނުގައި އޮންނަ ކަމެއް ފޮރުވާފައި ބާއްވާކަށް ނުވާނޭ. އެވާހަކަ ޖެހޭނޭ ކިޔަން،" ޝަހީމް ވިދާޅުވެފައިވެ އެވެ.

ދެ ޚުތުބާ ނުކިޔާ ބޭއްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މިނިސްޓަރު ޝާހީމް ދެއްކެވި ވާހަކަތަކާ ގުޅިގެން މިދިޔަ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، ޚުތުބާއާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ޑރ.ޒާހިރު ވިދާޅުވީ އެއްވެސް ޚުތުބާއެއް ފޮރުވާފައި ނޯންނާނެ ކަމަށާއި، އެއްވެސް ޚުތުބާއެއް ނުކިޔަން އަންގާފައި ވެސް ނުވާ ކަމަށެވެ. އަދި ޚުތުބާގެ އެންމެހައި ކަންކަން ކުރަމުންދަނީ ޚާއްސަ ކޮމެޓީއަކުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޒާހިރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ގިނައިން ކިޔާފައިވާނީ މުޅިން ވެސް އާ ޚުތުބާތައް ކަމަށާއި، ވަރަށް މަދު ޚުތުބާއެއް ނޫނީ ތަކުރާރު ކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުގައި ވަރަށް ގިނައިން ޚުތުބާތައް ތަކުރާރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކަން ވެސް އިސްލާހުކޮށް، ތަފާތު މައުޟޫއުތަކަށް ޚުތުބާ ލިޔެވި ވަރަށް ރަނގަޅަށް ރައްޔިތުންނަށް މުނާސަބު ގަޑީގައި އެ ހުރިހާ މައުލޫމާތެއް ޚުތުބާގެ ޒަރިއްޔާއިން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.