އަހަރުމެން އެންމެންނަކީ ވެސް ލޮނަށް ލޯބިކުރާ ބައެކެވެ. ލޮނުރަހައާ ނުލާ ދިވެހިންގެ ކެއުން ފުރިހަމަ ނުވެއޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެ އެވެ.
ކެއިންބުއިމުގައި ލޮނު ގެންގުޅެންޖެހޭ މިންވަރާ ބެހޭގޮތުން ޑޮކްޓަރުންނާއި ސައިންސްވެރިން އެކި ފަހަރު މަތިން ލަފާދީފައިވާއިރު ގިނަ ފަހަރަށް އަހަރުމެންނަށް އިވެނީ މާ ގިނައިން ލޮނު ބޭނުންކުރުމުގެ ގެއްލުންތަކުގެ ވާހަކަ އެވެ.
ކެއިންބުއިމުގައި މާ ގިނައިން ލޮނު ބޭނުން ކުރުމަކީ ލޭ މައްޗަށް ގޮސް ފުރާނައަށް ނުރައްކާވާފަދަ ސްޓްރޯކް ޖެހުމަށް ހުޅުވޭ ފަހި ފުރުސަތެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
މިއާއެކު ވެސް އެނގެންޖެހޭ ހަގީގަތަކީ ލޮނަކީ އަހަރުމެންގެ ހަށިގަނޑަށް ޒަރޫރީ މާއްދާއެއް ކަމެވެ. މަސްތަކާއި ނާރުގެ މަސައްކަތުގެ އިތުރުން ވެސް ލޭގެ ޕްރެޝަރާއި ހަޖަމު ކުރުމުގެ ނިޒާމުގައި ވެސް ލޮނު އެހީތެރިވެދެ އެވެ.
ވުމާއެކު މާ މަދުން ލޮނު ބޭނުން ކުރުމަކީ ވެސް ހަށިގަނޑަށް ގެއްލުންހުރި ކަމެއް ކަމުގައި މާހިރުން ވިދާޅުވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް ލޮނު ބޭނުން ކުރުން އެންމެ ރަނގަޅީ ދެ ގްރާމްއާ ހަމައަށެވެ.
މި ފަހުން ސައިންސްވެރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މާ މަދުން ލޮނު ބޭނުން ކުރުމަކީ އާއްމު ދިރިއުޅުމުގައި ގޮންޖެހުންތައް ކުރިމަތި ކުރުވާނެ ކަމެކެވެ.
އެގޮތުން ލޭގެ ޕްރެޝަރު ދަށްވުމާއި ވަރުބަލިވުން ނުވަތަ ބަނޑު ހަރުވުން ފަދަ ކަންކަމަކީ މާ މަދުން ލޮނު އެކުލެވޭ ޑައިޓެއް ބޭނުން ކުރާނަމަ ފެންނާނެ އަލާމާތްތަކެވެ.
އެހެން ކަމުން ލޮނު ބޭނުން ކުރުމުގައި ވެސް މެދުމިން އިހުތިޔާރުކޮށް ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން ކެއިންބުއިމުގެ އާދަތައް ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.