ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕްރިނީތީ ޗޯޕްރާއާއި އިންޑިއާގެ މަޖިލިސް މެމްބަރު ރާގަވް ޗައްދާއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބުނުކަން އިއުލާން ކޮށްފި އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އެ ދެމަފިރިން ކުރި ޕޯސްޓެއްގައި އެމީހުންނަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށް ހާމަކޮށްފައިވާއިރު ދަރިފުޅުގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ.

"މީގެ ކުރިން އަހަރުމެންނަށް ވީ އެކަކު އަނެކަކު ލިބިފައި. މިހާރު އަހަރުމެންނަށް ހުރިހާ އެއްޗެއް ލިބިއްޖެ" އެ ޕޯސްޓުގެ ކެޕްޝަންގައި ބުނެފައިވެ އެވެ.

ޕަރިނީތީއާއި ރާގަވްގެ އެ ޕޯސްޓާއެކު ގިނަ ބަޔަކު ވަނީ އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި އެ ދެމަފިރިންނަށް މަރުހަބާ ކިޔަން ފަށާފަ އެވެ.

2023 ވަނަ އަހަރު ކައިވެނިކުރި ޕަރިނީތީއާއި ރާގަވްއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ޕަރިނީތީ އެންމެ ފަހުން ފެނިގެންދިޔައީ 2024 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އަމަރު ސިންހް ޗަމްކީލާ"އިންނެވެ.