ބަންގްލަދޭޝްގެ މައި އެއާޕޯޓު ހަޒްރަތު ޝާހް ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާން ރޯވެ، ފްލައިޓްތަކަށް ބުރޫ ދަތުރުތައް ހުއްޓުކަމަށް އަތުވެއްޖެ އެވެ.
ހަޒްރަތު ޝާހް ޖަލާލް ވައިގެ ބަނދަރުގައި އަލިފާން ރޯވެފައި ވަނީ އިއްޔެގެ ވަގުތެއްގައި، އެ ވައިގެ ބަނދަރުގެ ކާގޯ ސަރަޙައްދުގަ އެވެ.
ނަމަވެސް ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ބަންގަލްދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ އަލިފާންގަނޑު ނިވައިލުމަށް އަލިފާން ނިއްވާލަން 37 ޔުނިޓަކުން މަސައްކަތްކޮށްފައިވެ އެވެ. ބަންގްލަދޭޝްގެ އަސްކަރިއްޔާއާއި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ވެސް އެ މަސައްކަތުގައި ބައިވެރިވެފައިވެ އެވެ. އެ އަލިފާންގަނޑު މިހާުރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.
ހަޒްރަތު ޝާހް ޖަލާލް ވައިގެ ބަނދަރުގައި އަލިފާން ރޯވުމުގެ ސަބަބުން ވައިގެ ބަނދަރުން ދެމުންދިޔަ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވެ އެވެ. އެ ގޮތުން ފްލައިޓްތައް ފުރުމާއި ޖެއްުސުން ލަސްވެ، އެހެނިހެން މަސައްކަތްތައް ވެސް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. ހިދުމަތް މެދުކަނޑާލާފައި ހަ ގަޑިއިރެއްހާއިރު އޮތުމަށް ފަހު، ހާލަތު ރަނގަމުވުމާއެކު ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އަލުން ހިދުމަތްތައް ދޭން ވަނީ ފަށައިފަ އެވެ.
ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން އިތުރަށް ބުނީ އަލިފާން ރޯވި ސަބަބު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ފަދަ ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެެވެ.
ބަންގްލަދޭޝްގެ އިންޓަނޭޝަނަލް އެއާ އެކްސްޕްރެސް އެސޯސިއޭޝަންގެ ރައީސް، ކަބީރް އަހުމަދު ވިދާޅުވީ އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު އަންދާޒާކުރަން ވެސް އަދި ނޭނގެ އެވެ. އެހެން ނަމަވެސް ލިބުނު ގެއްލުން އެއް ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.