މަސްތުވާތަކެތީގެ ވިޔަފާރިކުރާ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވޭ މީހަކު ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން އެއްވެސް ޝަރުތެއް ނެތި ދޫކޮށްލައިފި އެވެ.

ޑްރަގުގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވިފައިވަނިކޮށް ދޫކޮށްލާފައި ވަނީ ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު 41، އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ފުރަތަމަ ގެންދިއުމުން ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދިނެވެ.

އަލީ އަންވަރު މުހައްމަދު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިދިޔަ ހަފްތާގަ އެވެ. އެކަމަކު އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވެގެން، ހޮނިހިރު ދުވަހު އަލުން ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތެއް ނެތި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

"ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ސުވާލުކުރަން ޖެހޭ މީހެއް ކަމަށް ކަނޑައެޅިއިރު، މި މައްސަލައިގައި މި ކޯޓުން ދޫކޮށްފައިވާ ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކޮށް މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދިފައި ނުވޭ. ކަން މިހެން އޮތްއިރު، މައްސަލައާ ގުޅޭ ހެކި ގަރީނާ ލިބުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށް ސުވާލުކުރަންޖެހޭ މީހެއް ކަމަށް ކަނޑައަޅައި، ބަންދުގައި ބެހެއްޓުމަށް ނިންމީ ކޮން ހަމަޔަކުން ކަމެއް ފުލުހުންގެ ފަރާތުން ބުނެދެވިފައެއް ނުވޭ،" ކޯޓުން ބުންޏެވެ.

ކޯޓުން ބުނީ ހައްޔަރު ކުރުމުގެ އަމުރެއް ފުލުހުންނަށް ދިނުމުން، މައްސަލައާ ގުޅޭ ހެކި ގަރީނާ ލިބުމުގެ ކުރިން އެ އަމުރު ތަންފީޒުކުރަން ޖެހޭ މަގުބޫލު ސަބަބަކާ ނުލައި އޭނާ ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ނިންމާއިރު، އަދި ހައްޔަރު ކުރުމުގައި ރަނގަޅު ނޫން ގޮތަކަށް އަމަލު ކުރެވިފައިވާ ކަމަށް ބެލެވޭއިރު، ގާނޫނާ ހިލާފަށް ބަންދުގައި ބަހައްޓައިގެން ހޯދާ ހެކި ގަރީނާ އާއި ތަހުގީގުން ނެރޭ ނަތީޖާ ބޭކާރުވެދާނެ ކަމަށެވެ.

އެ ކޯޓުން ނެރުނީ އޭނާ ހައްޔަރު ކުރުމުގެ އަމުރަކާއި ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރެއް ކަމަށާއި ފުރަތަމަ ތަންތަން ބަލައިފާސްކުރުމުގެ އަމުރު ތަންފީޒުކުރަން ޖެހޭއިރު، ބަލައި ފާސްކުރުމުގައި މައްސަލައާ ގުޅޭ ހެކި ލިބިއްޖެނަމަ ހައްޔަރުކޮށް ބަންދު ކުރުމަށް ކަނޑައެޅޭނެ ކަމަށް ވެސް ބުންޏެވެ.

ފުލުހުން މީހަކު ހައްޔަރުކޮށްފިނަމަ، ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަށް ގެންގޮސް، ފުލުހުންގެ މަރުކަޒަށް ގެންދެވޭ މީހާއަކީ ތުހުމަތު ކުރެވޭ ކުށަކާ ގުޅިގެން ސުވާލު ކުރަން ޖެހޭ މީހެއްކަމަށް ކަނޑައަޅައި ބަންދުގައި ބެހެއްޓުމާއިމެދު ގޮތެއް ކަނޑައަޅަން ޖެހެ އެވެ.

އެކަމަކު މި މައްސަލައިގައި ތުހުމަތު ކުރެވޭ ކުށާ ގުޅިގެން ސުވާލުކުރަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި ބަންދުގައި ބެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތައް ނުވަތަ ތަފްސީލެއް ހިމަނާފައި ނުވެ އެވެ.

ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން، ބަލައި ފާސްކޮށް މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދާފައިވާތީ، އެކަންކަމުގެ މައްޗަށް ބިނާކޮށް އަލުން އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދުމަށް ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ކޯޓުން ބުންޏެވެ.

އަންވަރާއި، އިތުރު ބަޔަކު ހިމެނޭ މައްސަލައިގައި ޑްރަގުތައް އަތުލައިގަތީ މީގެ ހަ އަހަރު ކުރިން، އޮކްޓޫބަރު 7، 2019 ގައި ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި އިރާނުގެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައި ހއ. ތުރާކުނު ބޭރުންނެވެ.

މި ޑްރަގުތައް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރީ އަންވަރުގެ އިތުރުން އަހްމަދު ޝަކީބް (މާތިލަ، ކ. ދިއްފުށި) އާއި މުހައްމަދު ރިޝްފާން (ތުނޑި، މިލާނޯ، ލ، ގަން) އަށެވެ. އަދި އިރާނު "އަލްޝަބާން ބޯޓުން" ހަ މީހަކާއި ޑްރަގުތައް ބަލައި ދިޔަ ކަމަށް ބުނާ "ހޭދަކުރި" ދޯނިން ހަތަރު މީހަކާއި ހައްޔަރުކުރި އެވެ.

އަންވަރު ނޫން އެންމެންގެ މައްޗަށް އުފުލި ދައުވާތައް ޕީޖީން ވަނީ މީގެ ކުރިން އަނބުރާ ގެނެސްފަ އެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބެލެވޭ އަލީ އަންވަރު މުހައްމަދު ކޯޓުން ދޫކޮށްލިއިރު، މި ފަހުން މަސްތުވާތަކެތީގެ ބޮޑު ކޭސްއެއްގައި ހިމެނޭ މީހެއްގެ މައްސަލަ ދައުލަތުން އެދިގެން އަނބުރާ ގެންގޮސްފައިވެއެވެ.

އެއީ 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެކެވެ. އޭގެ ފަހުން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގެ އިސްތިއުނާފު ފީ ނުދައްކައިގެންވެސް މައްސަލަ ކޯޓުން ބޭރުކޮށްލާފައިވެއެވެ.