އާ ޑްރޯންތަކުގެ ދެވަނަ ޝިޕްމަންޓު މިރޭ އައްޑޫ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފި އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި ޑްރޯންތަކުގެ ފުރަތަމަ ޝިޕްމަންޓު ގެނައީ ބެލަރޫސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD މަރުކާގެ ބޯޓުގަ ބުދަ ދުވަހުގެ ރޭ އެވެ.

މިފަހަރު ގެންނަ ދެ ވަނަ ޝިޕްމެންޓު އައްޑުއަށް ގެނައީ ޔޫއޭއީގެ ފުޖައިރާ ސިޓީންނެވެ. އެ ޑްރޯންތައް ގެނައީ ތުރުކީންނެވެ.

ޑްރޯންގެ ފުރަތަމަ ޝިޕްމަންޓުގައި ހިމެނުނީ 20 ފޫޓުގެ ތިން ކޮންޓެއިނަރުގަ އެވެ. ޑްރޯންތައް އެސެމްބަލްކޮށް ޓެސްޓު ކުރުމަށް ތުރުކީގެ ހާއްސަ ޓީމެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ ޑްރޯންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރުމަށް އެމްއެންޑީއެފް އިން ވަނީ ދެކޮޅު ހަދާފަ އެވެ.

މިފަހަރު ގަނެފައި ވަނީ ބައިކާރުން އުފައްދާ "ބައިރަކްތާރު އަކިންޗީ" ޑްރޯންތަކެކެވެ. އެ މަރުކާގެ ތިން ޑްރޯން އާއި ގްރައުންޑް ކޮންޓްރޯލް ޔުނިޓެއް ގަނެފައިވެ އެވެ. މި ޑްރޯންތައް އޮޕަރޭޓް ކުރަނީ އައްޑޫގައި ގާއިމުކުރާ ސިފައިންގެ ވައިގެ މަރުކަޒުގަ އެވެ.

މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ މިލިޓަރީ ބޭސް އިހްތިތާހު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.