ކުދިން ބޮޑުވަމުން އަންނައިރު ގޭ ތެރެއިން ގިނަ ކަންކަން ދަސްކުރެ އެވެ. އޭނާގެ ބައްޕައަކީ ފޮޓޯގްރަފީއަށް ޝައުގުވެރިވާ މީހެކެވެ. އެހެންވެ އޭނާގެ ބައްޕަގެ ބޭނުންކުރާ ކެމެރާ ވަނީ ވަރަށް ގާތުން ފެނިފަ އެވެ. އޭގެ އަހަރުތަކެއް ފަހުން 2018ގައި އޭނާ ހިމެނުނީ ބަންގްލާދޭޝަގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކަވާކުރަން ދިޔަ ދިވެހި މީޑިޔާ ޓިމްގައި ހުރި ހަމައެކަނި ދިވެހި އަންހެން ފޮޓޯގްރާފަރަށެވެ.
އެއީ ނ. މިލަދޫއަށް އުފަން ޝުއާދު އަބްދުއް ސައްތާރު (ޝޫ) އެވެ. ޝޫއަކީ އަބަދުވެސް ކެމެރާއާ ރައްޓެހި ޒުވާނެކެވެ. އޭނާއަށް ފުރަތަމަ ޑިޖިޓަލް ކެމެރާއެއް ލިބުނީ އަމީނިއްޔާ ސްކޫލް ގްރޭޑް 8ގައި ކިޔަވަމުން ދިޔަ ދުވަސްވަރު އެވެ. ކެމެރާ ގަނެދިނީ އޭނާގެ ބައްޕަ އެވެ. އެއަށްފަހު ފޮޓޯނެގުން އޭނާގެ ހޮބީއަކަށްވި އެވެ. އޭނާ ކުޑައިރު ފޮޓޯ ނެގި ނަމަވެސް މިހާރު ބޭނުން ވަނީ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމަށެވެ.
"އަމިއްލަ ޑިޖިކެމް އެއް އޮންނާތީ ސްކޫލުގައި އުޅޭއިރު އަބަދުވެސް ފޮޓޯ ނަގާނީ އަޅުގަނޑު. ކުލާސް ތެރޭގައި، ކުލާހު ކުދިންގެ ފޮޓޯ ވެސް ނަގައިދެން. އަދި ރައްޓެހިންނާއެކީ ބޭރަށް ދާއިރު ވެސް ފޮޓޯނަގާ މީހަކީ އަޅުގަނޑު،" ޝޫ ބުންޏެވެ.
ޝޫގެ ސްކޫލް ދައުރު ފެށުނީ މިލަދޫ ސްކޫލުންނެވެ. އެއަށްފަހު މާލެއަށް ބަދަލުވެ، ޣިޔާސުއްދީން ސްކޫލުންނާއި އަދި އަމީނިއްޔާ ސްކޫލުން ކިޔެވި އެވެ. 2011 ގައި އޯލެވެލް ހެދުމަށްފަހު އޭނާ ބޭނުންވީ އޭނާގެ ހޮބީ އިތުރު ހަރުފަތަކަށް ގެންދާށެވެ. އެކަން ކުރެވެން އޮތީ ކެމެރާއާ ކުޅެން ރަނގަޅަށް ދަސްވުމުންނެވެ. އެކަން ހާސިލްކުރީ ޕޯޓްރެއިޓް ގެލެރީއިން ހިންގާ ބޭސިކް ފޮޓޯގްރެފީ ކޯސް ފުރިހަމަ ކޮށްގެނެވެ. އެއަށްފަހު އޭނާ ފޮޓޯ ނަގަން ފެށި އެވެ. އަދި ސޯޝަލް މީޑިއާގައި އޭނާ ނަގާ ހިތްގައިމު ފޮޓޯތައް ހިއްސާ ކުރަން ފެށި އެވެ.
ސްޕޯޓްސް ފޮޓޯގްރަފާއެއްގެ ގޮތުގައި މުހިންމު ތަޖުރިބާތަކެއް ލިބުނު
އިމޭޖަސް އެމްވީއަކީ ޝޫގެ ފޮޓޯގްރަފީގެ ހަޔާތުގައި ގިނަ ތަޖުރިބާތަކެއް ލިބިގެން ދިޔަ ފޮޓޯ އެޖެންސީއެކެވެ. އެތަނުގައި މަސައްކަތް ކުރީ 2018 އިން ފެށިގެން 2015އާ ހަމައަށެވެ. އެ އެޖެންސީއާ ގުޅުނުއިރު އޭނާއަށް ސްޕޯޓްސް ފޮޓޮގްރަފީ އެއްވެސް ވަރަކަށް ނޭނގެ އެވެ. އެހެން ނަމަވެސް އެ ކަމަށް ޝައުގުވެރިކަން ހުރުމުން ވަރަށް ފަސޭހައިން އެ މަސައްކަތް ދަސްވި އެވެ. އޭނާ ވަނީ ފުޓްސަލް، ބާސްކެޓްބޯލް، އަދި ޓީޓީ ފަދަ ގިނަ ކުޅިވަރުގެ އިވެންޓްތަކުގެ ފޮޓޯ ނަގައި އޭނާގެ މީޑިއާ ޓީމް ހިތްހަމަޖެހޭ ފަދަ މަސައްކަތެއް ކޮށްދީފަ އެވެ.
ރާއްޖެއިން ބޭރުގައި ވެސް ގިނަ ސްޕޯޓްސް އިވެންޓްތައް އޭނާ ވަނީ ކަވަރުކޮށްފަ އެވެ. ޚާއްސަކޮށް މީޑިއާ ޓީމްގައި ހުރި ހަމައެކަނި އަންހެން ފޮޓޯގްރާފާގެ ގޮތުގައި މަސައްކަތް ކޮށްފައިވާކަން އުފަލާއެކު އޭނާ ފަހަގަކުރި އެވެ.
"2018ގައި ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗުތައް އިމޭޖަސް އެމްވީގެ ފަރާތުން ކަވަރު ކުރުމުގައި އަޅުގަނޑު އުޅުނިން. އެއީ އެގޮތަށް ޝޫޓްކުރި އެންމެ ބޮޑު އިވެންޓް. އޭގެ ފަހުން ގިނަ ފުރުސަތުތަކެއް ފަހިވެގެން ދިޔަ. 2023 ގައި މަޑަގަސްކާގައި ބޭއްވި އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް އަޅުގަނޑު މީޑިއާ ޓީމްގައި ހުރި ހަމައެކަނި އަންހެން ފޮޓޯގްރާފަގެ ގޮތުގައި މަސައްކަތް ކުރިން،" ޝޫ ކިޔައިދިނެވެ.
ކައިވެނީގެ ޚާއްސަ ވަގުތު ފޮޓޯއިން ދައްކާލުން: ޝޫ އެންމެ ޝައުގުވެރިވާ މަސައްކަތް
ކޮވިޑަށްފަހު އިމޭޖް އެމްވީއިން އޭނާ ވަކިވި އެވެ. ދާނެ މިސްރާބު ގެއްލިފައި ހުއްޓައި، ފޮޓޯގްރާފާ ސުހެއިލް ސައީދު ވެޑިން އިވެންޓެއްގެ ފޮޓޯ ނެގުމަށް ޝޫ ގެންދިޔަ އެވެ. އެރޭ އެއިވެންޓްގައި އޭނާ ނެގި ފޮޓޯތައް ޓިކްޓޮކް އަދި އިންސްޓްގްރާމްއަށް ލުމުން ވަރަށް ގިނަ މީހުންގެ ތަރުހީބު އެ ފޮޓޯތަކަށް ލިބިގެން ދިޔަކަށް ޝޫ އުފަލާއެކު ފާހަގަކުރި އެވެ.
ޝޫ ދެކޭގޮތުގައި ފޮޓޯއަކީ ފުރިހަމަވާން ޖެހޭ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް، އެ މުހިންމު ވަގުތުގައި ކަން ހިނގައި ދިޔަގޮތުގެ އިހުސާސް ކިޔައިދޭ އެއްޗެކެވެ. އެ ދުވަހުގެ ތަޖުރިބާއަށްފަހު އޭނާ ވެޑިން ފޮޓޯގްރަފާއަކަށް ބަދަލުވި އެވެ. އަދި ވަރަށް ތަފާތު ސްޓައިލަކަށް ވެޑިން ފޮޓޯ ނަގަން ފެށި އެވެ. އާންމުކޮށް ބެކްޑްރޮޕް ކުރިމަތީ ހުއްޓި ހުރެގެން ނަގާ ފޮޓޯއާ މުޅިން ތަފާތު ސްޓައިލަކަށެވެ.
"ބެކްޑްރޮޕްގެ ކުރިމަތީ ދެ މީހުން ހުއްޓިގެން ހުރެ ނަގާ ފޮޓޯ އަޅުގަނޑަށް އެހާ ކަމަކު ނުދޭ. ޒަވާޖީ ހަޔާތެއް ފަށާ ދުވަހަކީ ވަރަށް މުހިންމު ދުވަހެއް. އަޅުގަނޑު ބޮޑަށް ބޭނުން ވަނީ އެހާ މުހިންމު ދުވަހެއް ދެމީހަކު ފަށާއިރު އެ ހާއްސަ ވަގުތު، ފޮޓޯއަކުން ދައްކައިދޭން. އެ ދުވަހުގެ އިހުސާސްތައް ދައްކައިދޭ، ބުނެދޭ ކަހަލަ ފޮޓޯ ނަގަން އަޅުގަނޑު ބޭނުންވަނީ،" އޭނާ ބުންޏެވެ.
ފޮޓޯގްރަފީއަށް ދިއުމުގައި ދަތި އުނދަގޫތަކެއް
ޝޫ މިއަދު ފޮޓޯގްރެފީގައި ދެމިހުރެވުނީ އޭނާގެ ހިތްވަރުގަދަ ކަމުންނޭ ބުނެވިދާނެ އެވެ. ފުރަތަމަ އެ ދާއިރާއަށް ނުކުތް ދުވަސްވަރު އެ މަސައްކަތަކީ މި މުޖްތަމައުގައި އަންހެން ކުއްޖަކަށް އެކަށޭނަ ނޫން، ކުރިއަށް ދިއުމަށް ވެސް ރަނގަޅު ނޫން، އަދި މުސްތަގްބަލެއް ވެސް ނެތް މަސައްކަތެއް ކަމުގައި ދެކެވިފައިވާ ދުވަސް ވަރެކެވެ. އެކަމުގެ އަސަރު އޭނާއަށް ކޮންމެ ވެސް ވަރަކަށް ކުރި އެވެ.
ޝޫ ބުނިގޮތުގައި ފޮޓޯގްރަފީއަކީ ކޮންމެ ޖިންސަކަށް ވެސް މިއަދު ހަމަހަމަ ފުރުސަތެއް އަދި މުސްތަގްބަލެއް ވެސް އޮތް މަސައްކަތެކެވެ.
މިއަދު އޭނާގެ ޓިކްޓޮކް އަދި އިންސްޓާގައި "ޝޫ ފޮޓޯގްރާފާ"ގެ ނަމުގައި ހިންގާ ޕޭޖް ފުރިފައި ވަނީ ހިތްގައިމު ފޮޓޯތަކުންނެވެ. އާއިލާ ތެރެއިން ވެސް އަދި މީޑިއާ ތެރެއިން ވެސް އޭނާއަށް ބޮޑު ސަޕޯޓެއް ލިބެ އެވެ. އަދި ޚާއްސަކޮށް ރައްޓެހިން އަބަދުވެސް ދޭ ހިތްވަރު އޭނާ އުފަލާއެކު ފާހަގަކުރެ އެވެ.