ވަގަށް އެތެރެކުރަން އުޅެނިކޮށް ހުއްޓުވައި، ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ބާއްވަން އުޅުނު ބައްދަލުވުން ފަސްކޮށްފި އެވެ.

ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އަދި ކަސްޓަމްސް އާއި އެމްޕީއެލުގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރުމަށް 241 ކޮމިޓީ ބައްދަލުވުން ކުރިން ބާއްވަން ތާވަލުކޮށްފައިވަނީތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހަށެވެ.

މަޖިލީހުން މި ބައްދަލުވުން ހަފްތާއަކަށް ފަސްކުރިކަން ވަނީ މީޑިއާތަކަށް އަންގާފަ އެވެ. އެ އިދާރާއިން ބުނީ ބައްދަލުވުން ފަސްކުރީ ދިރާސާކުރަން ނިންމާފައިވާ މައްސަލަ އާއި ގުޅިގެން މިވަގުތު ކޮމިޓީ ބައްދަލުވުމެއް ބާއްވައިފިނަމަ އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ހުރި 40 ފޫޓުގެ ދެ ކޮންޓެއިންރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހަކު ފުރުން މަނާކޮށްފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރަކާއި މިހާރުގެ އޮފިސަރެއްގެ އިތުރުން މަޝްހޫރު ދެ ވިޔަފާރިވެރިންނެވެ. ދެ ވިޔަފާރިވެރިންނަކީ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ.