ށ. ބިލެތްފަހި ފަޅު ތެރޭގައި އެއާޕޯޓު 30 މަސް ދުވަހުގެ ތެރޭގައި އަޅައި ނިންމާ، އެތަން އޮޕަރޭޓް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހޯމަ ދުވަހު ހަވާލުކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުގެ ތެރެއިން ބިލެތްފަހީގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހުޝާމް އަލީ އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު އެވެ.

އެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލު ކުރުމަށްފަހު، އެއާޕޯޓަށް ބޭނުންވާ 36 ހެކްޓަރުގެ ބިން ހިއްކައި ބަންޑްވޯލް ޖެހުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެމްއޭސީއެލްއިން އިންވެސްޓުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓުގެ މަޝްރޫއު ނިންމުމަށްފަހު އެ އެއާޕޯޓު އޮޕަރޭޓު ކުރާނީ ވެސް އެ ކުންފުނިން ކަމަށެވެ.

މުއިއްޒު ވަނީ އެއާޕޯޓުގެ މަޝްރޫއު މި ސަރުކާރުން ނިންމާނެ ކަމަށާއި އެގޮތުން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ބަންޑްވޯލް ޖެހުމުގެ މަސައްކަތް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

އޭގެ އިތުރުން މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ބިލެތްފަހީގެ އެއާޕޯޓުގެ މުޅި މަޝްރޫއު އެއްކޮށް ނިންމާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ބިލެތްފަހި އެއާޕޯޓުގައި 1،500 މީޓަރުގެ ރަންވޭއެއްގެ އިތުރުން އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ބިލެތްފަހީގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު މިދިޔަ ވެރިކަމުގައި އެމްޓީސީސީއާ ހަވާލުކުރި އެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ހުއްޓިފަ އެވެ.