މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި އޮންނަ އެއް އުސޫލަކީ ދުވަހަކު ވެސް ރުޅި މޫނާއެކު ނުނިދުމެވެ. މައްސަލައެއް ނުވަތަ ހިތްހަމަ ނުޖެހޭ ކަމެއް އޮތްނަމަ ނިދުމުގެ ކުރިން އެކަން ހައްލު ކުރުމެވެ.
މި އުސޫލު އާއްމު ވެފައިވަނީ ދެމަފިރިން ރުޅި މޫނާއެކު ނިދައިފިނަމަ ހިތްހަމަ ނުޖެހުން ބޮޑު ވެދާނެކަމުގެ ބިރު އޮންނާތީ އެވެ. އިޖުތިމާއީ އަދި އާއިލީ ފިއްތުންތައް ވެސް ކުރިމަތިވާތީ އެވެ.
އެހެން ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް "ފެމިލީ އެކްސްޕާޓުން" މިހާރު ވަނީ ބުނެފަ އެވެ. ވަގުތުން ވަގުތަށް މައްސަލަ ހައްލު ކުރުމަށްވުރެ ރަނގަޅީ ރުޅި މޫނާއެކު ނިދައި ޖެހިގެން އަންނަ ދުވަހަށް އެ މައްސަލަ ބޭއްވުން ކަމަށް މާހިރުން ގަބޫލު ކުރެ އެވެ.
ސަބަބެއްގެ ގޮތުގައި އެ ފަރާތްތަކުން ބުނެފައިވަނީ ރުޅިއަކީ "ނެގެޓިވް" ޖަޒުބާތަކަށްވާއިރު ރުޅި އައިސްފައި ހުންނަ ވަގުތެއްގައި މައްސަލައެއް ހައްލުކުރާއިރު ބުނަން ބޭނުންނުވާ ބަސްތަކެއް ބުނެވުމުގެ ފުރުސަތު އޮތުމެވެ.
"ރުޅި އައިސްފައި ހުންނައިރު ފަހުން ހިތާމަ ކުރަން ޖެހޭފަދަ ބަސްތައް ބައިވެރިޔާއަށް އަމާޒު ކުރެވުމުގެ ފުރުސަތު އޮވޭ. އެއީ މައްސަލަ އިތުރަށް ބޮޑުވެ ގުޅުމަށް އަސަރު ކުރާނެ ކަމެއް" މާހިރަކު ބުނެފައިވެ އެވެ.
އޭގެ ބަދަލުގައި ރުޅި މޫނާއެކު ނިދުމަށްފަހު ޖެހިގެން އަންނަ ދުވަހު ތާޒާ ސިކުނޑިއަކާއެކު މަޝްވަރާ ކުރުމަކީ މައްސަލަ ހައްލު ކުރަން މާ އެދެވޭ ގޮތެއް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
އެހެން ކަމުން ދެން ބައިވެރިޔާއާ ދެބަސްވާ ރެއަކު ވަގުތުން ވަގުތަށް ހައްލު ކުރުމުގެ ބަދަލުގައި ނިދާ ހޭލުމަށްފަހު އެކަމައިގެން އުޅުން މާ ރަނގަޅުވާނެ އެވެ.