ބޮލީވުޑްގައި ކާމިޔާބު ތަރިން ކަމަށްވާ ނުޓަންއާއި ކާޖޮލް ވެސް ފަހަތަށް ޖައްސާލައި ޒުވާން އެކްޓަރު އާލިއާ ބަޓް ފިލްމްފެއާ އެވޯޑްސްގެ ތާރީހުގެ ތެރެއަށް ވަދެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފިލްމްފެއާ އެވޯޑްސްގައި އާލިއާއަށް ލިބުނު "ބެސްޓް އެކްޓަރ - އަންހެން" އެވޯޑާއެކު އޭނާ ވެފައިވަނީ އެ އެވޯޑްސްގެ ތާރީހުގައި ވެސް އެންމެ ގިނަ ބެސްޓް އެކްޓަރުގެ އެވޯޑް ހާސިލްކުރި އަންހެން ތަރިއަށެވެ.
އެގޮތުން މިއަހަރުގެ އެވޯޑާއެކު އާލިއާއަށް ލިބުނު ފިލްމްފެއާ އެވޯޑްތަކުގެ އަދަދު ވަނީ ހައަކަށް އަރާފަ އެވެ. މިއަހަރަކީ އާލިއާ އެ އެވޯޑު ޖެހިޖެހިގެން ހާސިލްކުރި ތިންވަނަ އަހަރުކަން ފާހަގަ ކޮށްލެވެ އެވެ.
އާލިއާއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނު ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "އުޑްތާ ޕަންޖާބް"، "ރާޒީ"، "ގަލީބޯއީ"، "ގަންގޫބާއީ ކަތިއާވަޑީ"، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި މިއަހަރު އޭނާއަށް އެ އެވޯޑް ލިބުނު ފިލްމު "ޖިގްރާ" އެވެ.
މީގެ ކުރިން އެ ރެކޯޑު އޮތީ ޖުމްލަ ފަސް ފިލްމްފެއާ ބެސްޓް އެކްޓަރުގެ އެވޯޑު ހާސިލްކުރި ކާޖޮލްއާއި ނުޓަންގެ އަތުގަ އެވެ. ނުޓަންއަކީ 1950ގެ އަހަރުތަކާއި 60ގެ އަހަރުތަކުގައި ފާހަގަ ކޮށްލެވުނު އެކްޓަރެކެވެ.
އެއާއެކު ކާޖޮލްއަކީ 90ގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު އޭނާ ކުޅެފައިވާ ފިލްމުތަކުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރި އެކެވެ.
އާލިއާއަށް މި ރެކޯޑު ލިބުމާއެކު އިންޓަނެޓު ވަނީ ދެބައިވެފަ އެވެ. އެއްބަޔަކު އާލިއާއަށް އެ ޝަރަފު ހައްގުވާ ކަމަށް ބުނާއިރު އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި އާލިއާއަކީ ކާޖޮލްއާއި ނުޓަންއާ އަޅާކިޔޭނެ އެކްޓަރެއް ނޫނެވެ.
2012 ވަނަ އަހަރު ރިލީޒް ކުރެވުނު "ސްޓޫޑަންޓް އޮފް ދަ އިޔާ"އިން ބޮލީވުޑަށް ތައާރަފްވި އާލިއާއަކީ ބޮލީވުޑްގެ ނުފޫޒުގަދަ އާއިލާއެއް ކަމަށްވާ ބަޓް އާއިލާއަށް ނިސްބަތްވާ އެކްޓަރެކެވެ.
އެހެން ކަމުން އާލިއާއަށް ލިބުނު ފިލްމުތަކާއި އެވޯޑުތައް ހޯދީ އާއިލާގެ ނުފޫޒު ބޭނުން ކޮށްގެން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.