ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.
އެޗްޑީސީން މި އިންޒާރު ދިނީ ހުޅުމާލޭގައި އެފްޑީސީން ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ފްލެޓްތައް ކުއްޔަށް ދޫކުރަން ބައެއް މީހުން އިއުލާންކުރުމުން ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުނުމުންނެވެ.
އެޗްޑީސީން ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ، އެ ފްލެޓްތައް އެހެން ފަރަތާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިން ފުލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރުން ސޯޝަލް ހައިސިން ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކުންފުނިން ބަލާނެ ކަމަށް ބުނެ އެވެ. އަދި އެއްބަސްވުމާ ޚިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާ ނަމަ، އެ ފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށާއި އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށްދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް އެފްޑީސީން ވެސް ބުނެފައިވެ އެވެ.
އެމްޑީޕީ ސަރުކާރުން ހުޅުމާލޭގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހެދި 4،000 ހައުސިން ޔުނިޓުތައް އަންނަނީ އޭގެ ވެރިފަރާތަ ހަވާލުކުރަމުންނެވެ. އެތަންތަން ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތެއް ވެސް ނިންމުމަށްފަހު އެވެ.
ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ލިސްޓް ކަނޑައެޅުމުގެ މަސައްކަތް ކުރަނީ ހައުސިން މިނިސްޓްރީންނެވެ. އެފްޑީސީން ސޮއިކުރަނީ އެ މިނިސްޓްރީން ފޮނުވާ ލިސްޓަށެވެ.
ހައުސިން މިނިސްޓްރީން ބުނީ 4،000 މީހުންގެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ މައުލޫމާތުތައް އަދިވެސް ރިވިއުކޮށް ނުނިމެ އެވެ.