އައްޑޫ ސިޓީ ކައުންސިލް އައްޑޫގެ ހުރިހާ ރަށެއް ޝާމިލްވާގޮތަށް ބޭއްވުމަށް ވޯޓު ދިނުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ރައްޔިތުންނަށް ގޮވާލައިފި އެވެ.

އައްޑޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އޮތީ މި މަހު 25 ވަނަ ދުވަހުއެވެ.

މި ވޯޓު ނަގަން ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ މި މަހުގެ ކުރީކޮޅު އަންގަވާފަ އެވެ.

މިރޭ އެކްސްގައި އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީ ފަރާތްތަތަކަށް އޮތް އެންމެ ބޮޑު ބާރަކީ އަދި އައްޑޫގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ މާލެ ފިޔަވައި ދެވަނައަށް އޮތް އެންމެ ބޮޑު އާބާދީއަށް އައްޑޫ ވުން ކަމަށެވެ. އަދި، މިކަން ދެމެހެއްޓުމަށް އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮތުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޒާން ވިދާޅުވީ ޒަމާނުއްސުރެ އައްޑޫގެ ވެރިކަން ހިތަދޫގައި ކުރަމުން ދިޔުމުގެ ސަބަބުން އިދާރީ ނިޒާމު ގާއިމުވެފައި އޮތް ގޮތުން އެހެން އަވަށްތަކުގެ މީހުންނަށް ދަތިތަކެއް ހުރިކަން ގަބޫލުކުރާ ކަމަށެވެ.

ނަމަވެސް، ކައުންސިލްތައް ވަކިކުރުމުގެ ބަދަލުގައި އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮވެ ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ހަރުދަނާ ކޮށްގެން އެކަންކަން ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިންތިހާބުގައި ވޯޓުލުމަށް މާލެ އާއި އައްޑޫ ސިޓީ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވޯޓު ފޮށި ބަހައްޓަ އެވެ.